ސ. ހިތަދޫގައި މިއަދު އިރުއޮއްސުނު ވަގުތު ދެ ސައިކަލެއް ޖެހި، ހިންގި އެކްސިޑެންޓްގައި މީހެއްގެ ފައި ޒަހަމްވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.

ފުލުހުން ބުނީ އިރުއޮއްސުނު ވަގުތު ހިތަދޫ އޮޑެއްސާ ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ދެ ސައިކަލްގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ ކުދި ޒަހަމްތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއިން އެކަކަށް ވެސް ސީރިއެސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަންހެނަކާއި ފިރިހެނަކު ދުއްވާފައި ދިޔަ ސައިކަލަކާއި ޒުވާން ދެ ކުއްޖަކު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އަދި އެކްސިޑެންޓަށް ފަހު ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުންދަނީ އަންހެން މީހާ އަރުވައިގެންދިޔަ ސައިކަލު ދުއްވަން އިން މީހާ އަށެވެ.

މި އެކްސިޑެންޓާ ބެހޭ ތަފުސީލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކުން ނުލިބުނެވެ.

ހިތަދޫގައި އިރުއޮއްސުނު ވަގުތު އެކްސިޑެންޓެއް ހިނގި އިރު އައްޑޫ ލިންކް ރޯޑުގައި މިއަދު މެންދުރު ވެސް ދެ ސައިކަލެއް ޖެހި ހިނގެން ވަނީ އެކްސިޑެންޓެއް ވެފައެވެ. އެ ހާދިސާގައި ކުޑަ އަންހެން ކުއްޖެއްގެ ބޯ ފަޅައިގެން ގޮސް އިތުރު މީހަކަށް ކުދި ޒަހަމްތައް ލިބުނެވެ.