28 Oct 2017, 19:51
އަންހެނުންތަކެއްގެ ލަދުވެތި ގުނަވަނެއްގައި އަތްލެވިފައިވާތީވެ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހެންރީ ބުޝް މާފަށްއެދިވަޑައިގެންފި އެވެ.
ހަތަރު އެންހެނަކު ދާދިފަހުން ވަނީ ބުޝް އެއަންހެނުންގެ ލަދުވެތި ގުނަވަނެއްގައި އަތްލައިފައިވާ ކަމަށް ބުނެފަ އެވެ. އެއިން އެއް އަންހެނަކު ބުނީ ބުޝް ފޮރޮޅުލީ ގޮނޑިއެއްގައި އިންނަވަން ފެށުމުގެ ކުރިން ވެސް އޭނާގެ ލަދުވެތި ގުނަވަނެއްގައި އަތްލި ކަމަށެވެ.
އެ މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމާ އެކު ބުޝްގެ އޮފީހުން ވަނީ ހިނގައިދިޔަ ކަންތައްތަކާމެދު މާފަށް އެދި ބަޔާނެއް ނެރެފަ އެވެ.
"ބުޝްގެ އުމުރުން މިހާރު 93 އަހަރު ވެއްޖެ. ފޮރޮޅުލީ ގޮނޑިއެއްގައި އިންނަވާތާ މިހާރު ފަސް އަހަރުވެއްޖެ. އެހެންވެ މީހުންނާ އެކު ފޮޓޯ ނަގާއިރު ބުޝްގެ އަތް އެމީހުންގެ ދަށް ބަނޑާ ދިމާއަށް ވެއްޓެނީ. އެފަދަ ހާދިސާތަކުގައި އެއްވެސް މީހަކަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ނަމަ އެކާ މެދު ބުޝް ނިހާޔަތަށް މާފަށް އެދޭ،" ބުޝްގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ތިން އަންހެނުންކަމަށްވާ ޖޯޑާނާ ގްރޮލްނިކް، ހެދާ ލިންޑް، ކްރިސްޓީނާ ބްލޭކާ މީޑިއާގައި ބުނެފައިވާ ގޮތުން ދޭހަވަނީ އެއީ ނުބައި ނިޔަތެއްގައި ބުޝްކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް ހަތަރު ވަނަ އަންހެނެށް ކަމަށްވާ އަމަންޑާ ސްޓޭޕަލްސް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ބުޝް އޭނާގެ ލަދުވެތި ގުނަވަނުގައި އަތްލައިފައި ވަނީ 2006 ވަނަ އަހަރު އޭނާ ރިޕަބްލިކަން ޕާޓީގެ ގޮނޑިއަކަށް ކުރިމަތިލައިގެން ކެމްޕޭން ކުރި ދުވަސްވަރު އެެވެ. ނަމަވެސް އޭރު ބުޝް އިންނެވީ ފޮރޮޅުލީ ގޮނޑިއެއްގައެެއް ވެސް ނޫނެވެ. އަދި ބަލިހާލުކޮޅު އޭރު އެހާ ގޯހެއް ނޫނެވެ.
ބުޝް އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވި ރައީސްއެކެވެ.