ސްޕެއިންގެ ފުރިހަަމަ ބާރުގެ ދަށަށް ކެތަލޯނިއާ ގެންދިޔުމަށްޓަކައި އެޅި ފުރަތަމަ ފިޔަވަޅުގެ ދަށުން އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޖޯސެޕް ޔުއިސް ތްރަޕޭރޯ މަގާމުން ދުރުކޮށްފިއެވެ.

ކެތަލޯނިއާއިން ސްޕެއިންގެ ކިބައިން ވަކިވެގަތުމަށްޓަކައި ނެގި ވޯޓަށްފަހު އެ ސަރަހައްދުން ރޭ ވަނީ މިނިވަންކަން އިއުލާންކޮށްފައެވެ. ސްޕެއިންގެ ސަރުކާރުން ވަނީ އެނިންމުން ގަބޫލުކުރުމަށް ދެކޮޅުހަދައި ކެތަލޯނިއާ ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ނިންމައިފައެވެ.

ކެތަލޯނިއާއިން މިނިވަންވުމަށް ނެގި ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ޖޯސެޕް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ސްޕެއިންގެ ސަރުކާރުން ބުނެއެވެ. އެހެންވެ އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ސްޕެއިންއިން އިއްޔެ ވަނީ ކެތަލޯނިއާގެ ސަރުކާރާއި ޕާލަމަންޓު އުވާލުމުގެ އިތުރުން އަލުން އެ ސަރަހައްދުގައި އިންތިޚާބު ބާއްވާ ގޮތަށް ވެސް ހަމަޖައްސައިފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު މަރިއޯނާ ރަޖޯއީ ވަނީ ކެތަލޯނިއާގެ ސަރުކާރުގެ ހިންގުން ސްޕެއިންގެ މިހާރުގެ ބޮޑުވަޒީުގެ ނައިބު ސޮރައްޔާ ސައެންޒް ދި ސަންތަމަރިއާ އާ ހަވާލުކޮށްފައެވެ.

ސްޕެއިންއިން ކެތަލޯނިއާ ސަރަހައްދު އެގައުމުގެ ފުރިހަމަ ބާރުގެ ދަށަށް ގެންނާނީ ކިހިނެއްތޯ މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. މިނިވަންވުމަށް އެ ސަރަހައްދުގައި ވޯޓު ނެގި ދުވަހުވެސް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކެތަލޯނިއާގައި ހަމަނުޖެހުން ވަރަށް ބޮޑު ވެގެން ދިޔައެވެ. އަދި ކެތަލޯނިއާގެ ސިވިލް ސާވަންޓުން ސްޕެއިން ގެ ސަރުކާރުގެ އަމުުރުތަކަށް ފުރިހަމައަށް ބޯލަނބާނެތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.