28 Oct 2017, 14:13
އައްޑޫ ސިޓީގެ މަރަދޫ އިން: ޖަޒްލާން މުހައްމަދު
އައްޑޫސިޓީގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ފެސްޓިވަލް ގެތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިން އިސްނަގައިގެން އައްޑޫ ސިޓީގެ ކަނބަލުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ދައްކާލައިފި އެވެ.
މިއަދު ހެނދުނު އައްޑޫ ސިޓީގެ މަރަދޫގެ ޕާކް ސަރަހައްދުގައި އޮތް އެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައި ވަނީ ސަޓާގެ ބައިވެރިންނަށް ފެސްޓިވަލްގައި ދައްކާލާ ތަކެތި ވިއްކޭނެ ފަދަ ގޮތަކަށެވެ.

މިއަދު ބޭއްވި ފެސްޓިވަލްގައި އައްޑޫސިޓީގެ ކަނބަލުންގެ ބައެއް އަތްތެރި މަސައްކަތްތައް-- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެ ފެސްޓިވަލްގައި އައްޑޫސިޓީގެ ކަނބަލުންގެ އަތްތެރި މަސައްކަތުގެ ހުނަރުވެރިކަމުގެ އިތުރުން ކާބޯތަކެތި އުފެއްދުމުގެ ހުނަރުވެރިކަން ވެސް ވަނީ ދައްކާލައިފަ އެވެ.
މިއަދުގެ ފެސްޓިވަލް އިންތިޒާމް ކުރި ފަރާތް ކަމުގައިވާ ވުމަން ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސާ ޝެހެނާޒް ރަޝީދް ވިދާޅުވީ، އެ ފެސްޓިވަލްގެ މައިގަނޑު މަގްސަދަކީ އައްޑޫސިޓީގެ ކަނބަލުންގެ މަސައްކަތް ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ފެންނާނެ ހެން އެ މަސައްކަތްތައް މާކެޓްކޮށް ވިއްކުން ކަމަށެވެ.

މިއަދު ބޭއްވި ފެސްޓިވަލްގައި އައްޑޫސިޓީގެ ކަނބަލުންގެ ބައެއް ކާބޯ ތަކެތީގެ އުފެއްދުންތައް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އުފެއްދުންތެރި މަސައްކަތުގައި 200 އަށް ވުރެ ގިނަ މީހުން އުޅޭ އިރު ސަޓާ އިވެންޓް ފަދަ ބޮޑު އިވެންޓަކުން އެފަރާތްތަކުގެ މަސައްކަތް ބޭރުގެ މީހުންނަށް ޕްރޮމޯޓް ކުރުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ޝެހެނާާޒް ވިދާޅުވި އެވެ.
އައްޑޫސިޓީ އަކީ ދިވެހިންގެ ވަރުގަދަ ސަގާފަތަކާއި އުފެއްދުން ތެރިކަން ފެނިގެންދާނެ ޓޫރިޒަމް ދާއިރާއަށް އެންމެ އެކަށޭނެ މަންޒިލް ކަމުގައި ޝެހެނާޒް ފާހަގަ ކުރެއްވި އެވެ.

މިއަދު ބޭއްވި ފެސްޓިވަލްގައި އައްޑޫސިޓީގެ ކަނބަލުންގެ ބައެއް އަތްތެރި މަސައްކަތްތަށް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސަޓާގެ ބައިވެރިން ވަނީ އެ ފެސްޓިވަލްގައި އައްޑޫ ސިޓީގެ ކަނބަލުންގެ މަސައްކަތް ތެރިކަން ބަލައިގަނެ އެ ކަނބަލުންގެ މަސައްކަތްތަކަށް ތައުރީފުކޮށްފަ އެވެ. އަދި ފެސްޓިވަލް ކުރިއަށް ގެންދިޔަ ވަގުތު އައްޑޫ ސިޓީގެ ބައެއް ކުދިންގެ ނެށުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސަޓާގެ މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދޭ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ސަން އޮންލައިން އެވެ.