މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ދެ އެތުލީޓުންނަށް މަރްޔަމް އިނާޔާ ފާރޫޤް އާއި ޙަސަން ސާޢިދު ހޮވައިފި އެވެ. ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ އެތުލީޓުންނަށް ޓްރޮފީ ޙަވާލްކޮށްދެއްވީ މާލޭގެ މޭޔާ އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން ޢަލީ މަނިކެވެ.


މިދިޔަ އަހަރު ސާޢިދު ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި ސައުތު އޭޝިއަން ގޭމްސްގެ 100މ. ރިލޭއިން ބްރޯންޒް މެޑަލް ހޯދައި، 20 ވަނަ ޤައުމީ ކަސްރަތު މުބާރާތުގައި 200މ. ދުވުމުން ބްރޯންޒް މެޑަލް އަދި 400މ. ދުވުމާއި 800މ. ދުވުމުން ރަން މެޑަލް ހޯދި އެވެ. މީގެ އިތުރުން ރާއްޖޭގެ އެތުލެޓިކްސްގެ ތިން ގައުމީ ރިކޯޑެއް ވެސް ސާއިދު ވަނީ 2010ވަނަ އަހަރު އާ ކޮށްފަ އެވެ. އެރިކޯޑް ތަކަކީ ފިރިހެނުންގެ 200މ. ދުވުމާއ 400މ. ދުވުން އަދި 100މ. ރިލޭ އެވެ. ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖޭ ތަމްސީލްކޮށްފައިވާ ގޮތަށް ބަލާއިރު ސައުތު އޭޝިއަން ގޭމްސް، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި ކޮމަންވެލްތް ގޭމްސް ހިމެނެއެވެ.


މަރްޔަމް އިނާޔާ ފާރޫޤް މިދިޔަ އަހަރު ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި މޯލްޑިވިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް 2010ގެ އަންހެން ގޯލްޑް މެޑަލް، 20 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ 800މ. ދުވުން 1500މ. ދުވުމުން ރިހި މެޑަލް އަދި 5000މ. ދުވުމުން ގޯލްޑް މެޑަލް ހިމެނެއެވެ.


މީގެ އިތުރުން ރާއްޖޭގެ އެތުލެޓިކްސްގެ ގައުމީ ދެ ރިކޯޑްވެސް އިނާޔާ ވަނީ އާ ކޮށްފަ އެވެ. އެ ރިކޯޑްތަކަކީ އަންހެނުންގެ 1500މ. ދުވުމާއި 3000މ. ދުވުމެވެ. އަދި ކެނެޑާގެ މޮންކްޓަންގައި ބޭއްވި އައި އޭ އޭ އެފް ވާލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭ ތަމްސީލްކުރީ ވެސް އިނާޔާ އެވެ.