ބަނޑޭރި ކޮށީގެ ގެއެއް ހުސްކުރަން އެންގީ އޮންނަ އުސޫލުގެ ދަށުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ބަނޑޭރި ކޮށީގައި ދިރިއުޅެނީ ސިފައިންގެ ހިދުމަތުގައި އުޅޭ ބައެއް މީހުންނެވެ. ބަނޑޭރި ކޮށި ދޭއްގައި ހުންނަ ގެއެއް އިއްޔެ ފުލުހުން ގޮސް ވަނީ ހުސްކޮށްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ އެތަން ހުސްކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދުނީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.

އުސޫލަކީ ކޮބައިތޯ ސުވާލު ކުރުމުން އެ ސުވާލަށް އާޒިމް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އެ ތަނަކީ ސިފައިންގެ ހިދުމަތުގައި އުޅޭ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަނެކެވެ. އަދި ސިފައިންގެ އެދުމަށް ފުލުހުން ހުސްކުރި ތަނަކީ މިހާރު ސިފައިންގެ ހިދުމަތުން ރިޓާޔާކޮށްފައިވާ މީހަކަށް އޭނާ ހިދުމަތުގައި ހުރި އިރު ދޫކޮށްފައިވާ ތަނެކެވެ.

އެތަނުގައި ދިރިއުޅޭ މީހަކު ބުނީ ބަދަލުދިނުމަށް ފަހު ނޫނީ އެތަން ހުސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ އެތަން ހުސްކުރުމަށް ދިޔަ ސިފައިންނާ ފުލުހުންނަށް ހައިކޯޓުގެ ހުކުމް ދެއްކުމަށް ފަހު، އެ ހުކުމް ބާތިލުކޮށް ނެރެފައިވާ އެއްވެސް ކޯޓު އަމުރެއް އޮތްތޯ ސުވާލުކުރުމުން އެފަދަ އަމުރެއް ދެއްކިފައިނުވާ ކަމަށެވެ.

"ހައިކޯޓުގެ ހުކުމެއް އެބައޮތް ބަދަލުދީފައި ނޫނީ ނުނެރެން. ހައިކޯޓުގެ ހުކުމެއް މިހެން އޮއްވައި، ޝަރުއީ އެއްވެސް ކޯޓަކުން ބަނޑޭރިކޮށި ހުސްކުރާނެ އަމުރެއް ނެތި ބާރުގެ ބޭނުންކޮށްގެން މިތަން މި ހުސްކުރަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެތަން އަގުކޮށް ބަދަލުދޭން ހައިކޯޓުން ހުކުމް ކުރުމުން ޑިފެންސް މިނިސްޓްރީން ބުނަނީ މާކުރިން އެތަން އޮތީ އަގުުކޮށްފައި ކަމަށާއި އެހެންކަމުން އެއޮތީ އަގުކުރެވިފައި ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމުގައި އެތަން އަގުކޮށް ބަދަލުދޭން އަމުރުކޮށްފައި އޮތުމުން، އަލުން އަގުކޮށް ބަދަލުނުދީ އެތަން ހުސްނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.