ކާމިޔާބު ތްރިލާ ފްރެންޗައިޒް "ރޭސް"ގެ ތިން ވަނަ ފިލްމު "ރޭސް 3"ގައި އިންޑިއާގެ މޮޑެލް އަދި އެކްޓަރު ސާގިބް ސަލީމްވެސް "ރޭސް3"ގައި ބައިވެރިވާނެކަން އެ ފިލްމުގެ ޓީމުން ބުނެފި އެވެ.

ސާގިބް އެންމެ ފުރަތަމަ ވެސް ފިލްމެއް ކުޅެފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. އޭނާގެ ފިލްމީ ކެރިއަރު ކުރު ނަމަވެސް އޭނާ ވަނީ ފިލްމުތަކުގައި އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކުވާދީފަ އެވެ.

އޭނާ ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ "ހަވާ ހާވާއީ" އާއި "ޑިޝޫމް" އެވެ.

ސާގިބް ބުނީ ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށާއި ފިލްމުގައި އޭނާ ރަނގަޅު އެކްޓެއް ބެލުންތެރިންނަށް ދައްކުވައިދޭނެ ކަމަށެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ އެ ފިލްމުގައިލީޑް ރޯލެއްގެ ބައިން ސަލްމާންހާން ފެނިގެންދާކަމީ މުޅި ފިލްމުގެ ޓީމަށް ލިބޭނެެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މި ސިލްސިލާގެ ކުރީ ދެ ފިލްމުން ފެނިގެން ގޮސްފައިވާ އެއްވެސް ތަރިޔަކު "ރޭސް3" އިން ފެނިގެންނުދާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ މި ފިލްމުގައި ހަރަކާތްތެރިވާނީ އަދިތްޔަ ރޯއި ކަޕޫރާއި ސޫރަޖް ޕަންޗޯލީ އަދި ސިދާތް މަލްހޯތުރާ، ޑެއިޒީ ޝާހް، ޖެކަލީން ފާނަންޑޭޒް އަދި ބޮބީ ޑިއޯލް އެވެ.

ޑައިރެކްޓާރު ބުނީ ފިލްމުގައި ހިމެނޭ އެއްރޯލަކަށް އަދި ތަރިއެއް ހަމަޖެހިފައިނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ތަރީގެ ނަން ވެސް ހިއްސާކުރާނެ ކަމަށެވެ.

ފިލްމުގެ ޝޫޓިންގް އަވަސް މުސްތަގްބަލެއްގައި ފެށުމަށް ހަމަޖެހިފައިވާ އިރު ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އަބޫ ދާބީ ގައެވެ.