28 Oct 2017, 09:45
ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާ ފިލްމު "ޕާލްޓަން"ގައި ކުރިން ބައިވެރި ވުމަށް ހަމަޖެހިފައި އޮތްނަމަވެސް ފިލްމްގެ ޝޫޓިންގް ފެށުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް އަބީޝޭކް ބައްޗަން އެ ފިލްމު ދޫކޮށްލި އެވެ.
އަބީޝޭކް ބުނީ އެ ފިލްމު ދޫކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ ފިލްމުގައި އޭނަ އަށް ލިބިފައިވާ ރޯލުގެ ކުޑަކަމުން ކަމަށެވެ.
"ފިލްމުގައި ސޯނޫގެ ރޯލު ބޮޑުކަން އެނގުމުން އަހަރެން ދިޔައިން ޑައިރެކްޓަރު ޖޭޕީއާ ބައްދަލުކުރަން. އަދި ރޯލު ވެސް ބޮޑުކުރަން ބުނިން. އެކަމަކު ޖޭޕީ ބުނީ ސޯނޫގެ ރޯލުގެ ނިސްބަތުން ބޮޑަސް އަހަރެންގެ ރޯލު މާ ވަރުގަދަކަމަށް ބުނެފައި. އަހަރެން ހިތްހަމަނުޖެހުނު އަސްލު ސަބަބަކީ މިއީ،" އޭނާ ބުންޏެވެ.
"ޕަލްޓަން" ނުކުޅެ އަބީޝެކް ދޫކޮށްލުމުން އެ ރޯލު ދިނީ "ސަނަމް ތޭރީ ކަސަމް" އިން ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ހަރްޝްވަރްދަން ރާނޭ އަށެވެ.
އެ ފިލްމަކީ އިންޑިއާގެ ތާރީހާ ވަރަށް ބޮޑަށް ގުޅޭ އަދި ގައުމަށް ޓަކައި ޝަހީދުވެފައިވާ އެތަކެއް ސިފައިންނެއްގެ އަގުހުރި ހިދުމަތް ފެނިގެންދާނެ ފިލްމެކެވެ.
ހަރްޝްވަރްދަންގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނަކީ ސުނިލް ޝެޓީ، އަރްޖުން ރާމްޕަލް، ސޮނޫ ސޫދް، ޕުލްކިތް ސަމްރާޓް، ސިދާންްތް ކަޕޫރު، ގުރްމީތް ޗައުދަރީ، ޖިމީ ޝެރްގިލް އާއި ޖެކީ ޝްރޮފް އަދި ލަވް ސިންހަ އެވެ.