28 Oct 2017, 08:19
އާސެނަލަށް ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްގެ 100 ޕަސެންޓް ކުޅުން ދައްކަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
އޮޒިލް އެހެން ބުނެފައި ވަނީ، ޖެނުއަރީ ޓްރާންސްފާގައި އާސެނަލް ދޫކޮށް އޭނާ މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ތައްޔާރުވަމުންދާ ކަމަށް ހަބަރުތައް ބުނަމުން ދަނިކޮށެވެ.
އާސެނަލްއާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މިސީޒަނަށް ފަހު ނިމުމަކަށް އަންނަ އިރު، އޭނާގެ ކޮންޓްރެކްޓް އާކުރާނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ދާދި ފަހުން އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކޭ ބުނެފައި ވަނީ، އެ ކްލަބަށް އޮޒިލް ބޭނުންވާ ކަމަށެވެ.
"ކްރޮއެންކޭގެ ކޮމެންޓްތަކާ މެދު އަހަރެން އުފާކުރަން. އަހަރެން އާސެނަލްގައި މިހުރީ އުފަލާ އެކު. އަހަރެންގެ ވަޒީފާ އަދަކޮށް، ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އާސެނަލަށް އަހަރެންގެ 100 ޕަސެންޓް ކުޅުން ދައްކަން. ޓީމަށްޓަކައި ދަނޑު މަތީގައި އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޮޒިލް ބުންޏެވެ.
އުމުރުން 29 އަހަރުގެ އޮޒިލް ބުނީ، އޭނާ އިސްކަންދެނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށާއި ކުރިމަގުގައި ވެގެންދާނެ ގޮތެއް އެނގޭނީ ފަހުން ކަމަށެވެ. އަދި ދަނޑު މަތީގައި އުފަލާ އެކު އަބަދުވެސް ކުޅުން ދައްކަމުންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.