02 Aug 2011, 22:28
ނ. މިލަދޫގައި އުޅޭ ބިދޭސީންތަކަކާއި އެރަށު ޒުވާން ގްރޫޕެއް މިރޭ މާރާމާރީ ހިންގައިފި އެވެ. އިރުއޮއްސުނު ވަގުތު މިލަދޫގައި ހިންގި މާރަމާރީގައި ބިދޭސީންނަށާއި މިލަދޫގެ ބައެއް މީހުންނަށް އެކިވަރުގެ ކުދި ޒަހަމްތައް ލިބުނު އިރު ބިދޭސީއެއްގެ ބޯ ވަނީ ފަޅާލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިލަދޫގައި މާރާމާރީއެއް ހިންގައިގެން އެބައުޅޭ ކަމަށާއި އެ މައްސަލާގެ ގޮތުން ފަހުން މީޑިއާއަށް މައުލުމާތު ދޭނެ ކަމަށެވެ. ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި މިލަދޫގެ ދޭސީ- ބިދޭސީ މާރާމާރީއާ ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވެ، އެ މާރާމާރީއާ ގުޅުން ހުރި ފަރާތްތަކާ ސުވާލުކުރަމުން އެބަދެ އެވެ. އެއްވެސް މީހަކު ހައްޔަރު ކުރި ކުރި ކަމެއް އަދި އޮޅުން ފިލާ ގޮތެއް ނުވެއެވެ.
މިލަދޫން ސަންއަށް ވާހަކެއްކި މީހަކު ބުނީ އިރުއޮއްސުނު ވަގުތު އެ ރަށުގެ ބަޔަކާއި އެ ރަށުގައި އުޅޭ ބިދޭސީންނާމެދު އުފެދުނު ކުރިމަތިލުމެއް މާރާމާރީއަކަށް ބަދަލުވެ އޭގެ ތެރެއިން ބިދޭސީއެއްގެ ބޯފަޅާލާފައިވާއިރު މާރާމާރީގައި ބައިވެރިވި މިލަދޫ ބައެއް މީހުނަށް ވެސް އެކިވަރުގެ ކުދި ޒަހަމްތައް ލިބިފައިވާ ކަމަށެވެ. އޭނާ އަދި ބުނީ މިހާރު އެ އެންމެނަށް ވެސް ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ. ހަމަލާގައި ބޯ ފެޅުނު ބިދޭސީ މީހާ ވެސް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިރޭގެ މާރާމާރީގައި ހަމަލާ ދިނުމަށް ބިދޭސީން ލަޓިބުރިއާއި ދަގަނޑު ބުރި ބޭނުން ކޮށްފައިވާ ކަމަށާއި އެމީހުން ތިބީ ދުރާލައި ހަމަލައެއް ދޭން ތައްޔާރުވެގެން ކަމަށް ވެސް މިލަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިލަދޫ ސިއްހީ މަރުކަޒުން ބުނީ ރަށުގެ ދޭސީ - ބިދޭސީ މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.
މިލަދޫ ގައި އުޅޭ ބިދޭސީންނާއި އެރަށުގެ ބަޔަކާ ދެމެދު ކުރިމަތިލާން މެދުވެރިވި ސަބަބެއް ކަމަށް ރަށުގެ މީހުން ބުނަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އެ ރަށު "ރާސްތާ" ގެއަށް ފައިބާ ތިބޭ ބިދޭސީ މީހުންނަށް ރަށުގެ ޒުވާން ގްރޫޕަކުން ތަކުރާރުކޮށް ޖެއްސުން ކުރުމެވެ. މިއަދު މާރާމާރީ ހިނގުމުގެ ކުރިން ވެސް އެ ގްރޫޕުން ބިދޭސީންނަށް ޖެއްސުންކުރި ކަމަށް ވެއެވެ.
ރާސްތާ ގޭގައި ތިބެނީ ކިތައް ބިދޭސީން ކަމެއްވެސް އަދި އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.