ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރު މިރޭ ފެށިގެންދާނެ އެވެ.

މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ޒޯން ބުރުގައި ވާދަކުރާނީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް 50 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭ 8:00ގައި ކުޅޭ ޒޯން އެކެއްގެ މެޗުގައި ހއ. ވަށަފަރާއި ހދ. ކުމުންދޫ ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ ޒޯން ދޭއްގެ މެޗުގައި ބައްދަލު ކުރާނީ ނ. ކެނދިކުޅުދޫ އާއި ރ. އިނގުރައިދޫ އެވެ. މިރޭ 9:00ގައި ކުޅޭ ޒޯން ތިނެއްގެ މެޗުގައި ކ. ގާފަރާއި އއ. ފެރިދޫ ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ ޒޯން ހަތަރެއްގެ މެޗުގައި ބައްދަލު ކުރާނީ އދ. ކުނބުރުދޫ އާއި މ. މަޑުއްވަރީ އެވެ.

މިރޭ 10:00ގައި ކުޅޭ ޒޯން ފަހެއްގެ މެޗުގައި ފ. ނިލަންދޫ އާއި ދ. މާއެނބޫދޫ ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ ޒޯން ހައެއްގެ މެޗުގައި ބައްދަލު ކުރާނީ ލ. ގަމާއި ގއ. ނިލަންދޫ އެވެ. މިރޭ 11:00ގައި ކުޅޭނީ ޒޯން އަށެއްގެ ދެ މެޗެވެ. އެއް މެޗުގައި ހެންވޭރާއި މާފަންނު ބައްދަލުކުރާ އިރު، އަނެއް މެޗުގައި ބައްދަލު ކުރާނީ ގަލޮޅާއި މައްޗަންގޮޅި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް 50 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޒޯން ބުރުގައި ވާދަކުރާ ޓީމުތައް:

  • ޒޯން އެކެއް - ހއ. ވަށަވަރު، ހދ. ކުމުންދޫ، ށ. ބިލެއްފަހި.

  • ޒޯން ދޭއް - ނ. ކެނދިކުޅުދޫ، ރ. އިނގުރައިދޫ، ބ. ތުޅާދޫ.
  • ޒޯން ތިނެއް - ކ. ގާފަރު، އއ. ފެރިދޫ.
  • ޒޯން ހަތަރެއް – އދ. ކުނބުރުދޫ، މ. މަޑުއްވަރީ.
  • ޒޯން ފަހެއް – ފ. ނިލަންދޫ، ދ. މާއެނބޫދޫ، ތ. ތިމަރަފުށި.
  • ޒޯން ހައެއް – ލ. ގަން، ގއ. ނިލަންދޫ، ގދ. ތިނަދޫ.
  • ޒޯން އަށެއް – ހެންވޭރު، މާފަންނު، ގަލޮޅު، މައްޗަންގޮޅި.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް 50 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.