28 Oct 2017, 08:02
ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ފްރީ ޑައިވިން ކޯހެއް ހިންގާ ސްކޫލަކަށް ރާއްޖޭގެ ފްރީޑައިވް މޯލްޑިވްސް ވެއްޖެ އެވެ.
ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ލޯކަލް ފްރީ ޑައިވިން ސްކޫލް ކަމަށްވާ ފްރީޑައިވް މޯލްޑިވްސް އިން މިދިޔަ ބުރާސްފަތި ދުވަހު ފެށި ފްރީ ޑައިވިން ކޯހުގައި 23 ދަރިވަރުން ބައިވެރިވެ އެވެ. އެ ކޯހަކީ ކްލަބު އެޗްޑީސީގެ އެދުމުގެ މަތިން ހައުސިން ޑިވެޕޮލްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހިންގާ ކޯހެކެވެ.
ފްރީޑައިވް މޯލްޑިވްސްގެ ފައުންޑަރު އަދި ރާއްޖޭގެ ފުރަތަމަ ފްރީ ޑައިވިން އިންސްޓްރަކްޓަރު ފަހުދު ފާއިޒް 'ސަން ސްޕޯޓްސް' އަށް ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވުމުން ކޯސް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށާއި ކޯހުގައި ހަތަރު އަންހެން ދަރިވަރުން ވެސް ހިމެނޭ ކަމަށެވެ. އަދި އެޗްޑީސީގެ ދިވެހި މުވައްޒަފުންގެ އިތުރުން ބިދޭސީ މުވައްޒަފުން ވެސް ކޯހުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ވަނީ ރާއްޖޭގެ ފިނި ހޫނު މިނާ ގުޅޭގޮތަށް އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެޕްނިއާ މޯލްޑިވްސް އިން ނެރޭ ރާއްޖޭގެ ފުރަތަމަ ޑައިވް ސޫޓް އުފެއްދުން ދައްކާލައިފަ އެވެ. އެ ޑައިވް ސޫޓް، ރާއްޖެ އާއި ރާއްޖޭން ބޭރުން ވިއްކަން ފެށުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރު އެވެ. އެޕްނިއާ މޯލްޑިވްސް އަކީ ފްރީޑައިވް މޯލްޑިވްސްގެ ޕާޓްނަރެކެވެ.
އޭގެ އިތުރުން އެ ސްކޫލުގެ ޕާޓްނަރު ރީފްސައިޑް މޯލްޑިވްސް އިން ވިއްކަމުންދާ ފްރީޑައިވް އަށް ހާއްސަ ގަޑިއެއް ކަމަށްވާ "ސޫންޓޯ ވޮޗް"، ބޮޑު ޑިސްކައުންޓަކާ އެކު ލިބޭނެ މަގު ވެސް ފްރީޑައިވް މޯލްޑިވްސް އިން ވަނީ ތަނަވަސް ކޮށްދީފަ އެވެ.
މިހާރު ކުރިއަށްދާ ކޯސް ނިމުމުން ފްރީޑައިވް މޯލްޑިވްސް އިން ތަމްރީންކުރި ފްރީ ޑައިވަރުންގެ އަދަދު 160އަށް އަރާ އިރު، އެ ސްކޫލުން ވަނީ ތިން އިންސްޓްރަކްޓަރުން ވެސް ތަމްރީން ކޮށްފަ އެވެ. 2015 ވަނަ އަހަރު އުފެއްދި ފްރީޑައިވް މޯލްޑިވްސްގެ ބްރާންޗެއް ފިލިޕީންސްގައި ވެސް ހުރެ އެވެ.