ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމެވީ އެރަށުގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގައި ވާހަކަފުޅުދައްކަވަމުން ތޯރިގު ވިދާޅުވީ މި ސަރުކާރުން ކަމެއް ކުރަން އުޅުމުން އެކަމެއް ނުކުރެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށެވެ. ނަމަވެސް އެ މަސައްކަތެއް ފަށަން އުޅޭ ހިސާބުން ދެން ފެނިގެންދަނީ އެކަމެއް ހުއްޓުވަން އުޅޭ މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އުޅުމުން ވެސް ފެނިގެންދަނީ އެ މަސައްކަތް ހުއްޓުވަން އުޅޭ މަންޒަރު ކަމަށް ތޯރިގު ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑުމެންނަށް ފެނިގެންދޭ ކުޅުދުއްފުށީ އެއާޕޯޓު ކަންތައްތަކުގައި ވެސް ބައެއް ފަރާތްތައް ކުރިމަތީގަ ބައިތިއްބައިގެން އެކަން ހުއްޓުވަން މަސައްކަތް ކުރާތަން. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ރަށުންނާއި ތަންތަނުން ބޭނުންވެގެން މިއުޅެނީ އެކަންތައްކުރަން،" ތޯރިގު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އޮތީ ދެ ގޮތެއް ކަމަށާއި ފުރަތަމަ ގޮތަކީ އެރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓު އެޅުން ކަމަށެވެ. އަދި ދެވަނަ ގޮތަކީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އެޅުން ކަމަށާއި ސަރުކާރުން ނިންމީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އަޅަން ކަމަށް ތޯރިގު ވިދާޅުވިއެވެ.

ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އަޅާތީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެދާނެތީ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ތިމާވެއްޓަށް ގެއްލުން ކުޑަވާގޮތަކަށް އެ މަސައްކަތް ކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ކޮންމެ ތަރައްގީގެ ޕްރޮޖެކްޓަކީ ވެސް އެ ޕްރޮޖެކްޓެއްގެ ސަބަބުން ތިމާވެއްޓަށް ކޮންމެވެސް ކަހަލަ ގެއްލުންތައް ލިބޭނެ ޕްރޮޖެކްޓުތައް. ކޮންމެ ޕްރޮޖެކްޓެއްގައިވެސް ތިމާވެއްޓަށް ލިބޭނެ ގެއްލުން ދެނެގަންނާނެ ރިޕޯޓެއް މިހަދަނީ އީއައިއޭ ރިޕޯޓް. އީއައިއޭ ރިޕޯޓުން އަޅުގަނޑުމެން މި ބަލަނީ ލިބޭނެ ގެއްލުންތަކަކީ ކޮބައިތޯ އާއި އެ ގެއްލުންތައް ކުޑަކުރެވޭނީ ކިހިނެތްތޯ،" ތޯރިގު ވިދާޅުވިއެވެ.

ކުޅި ހިއްކުމުގެ ސަބަބުން އެރަށުގައި ފެން ހިންދުމުގެ ނިޒާމުގައި މައްސަލަތަކެއް ދިމާވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ތޯރިގު ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް އެމްޓީސީސީ އަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅާ ސަރަހައްދު --- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

"އަޅުގަނޑުމެން މިކަހަލަ މުހިންމު ކަންތައްތައް ވަރަށް ގާތުން ބަލާނަން. އަދި ޑްރެއިން އެޖްގެ ކަންތައްތަކަކީ މުހިންމު ކަމަކަށްވާތީ އެކަން އަޅުގަނޑުމެން ބަލާނަން،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ކުޅިއެއް ހިއްކައިގެން ރާއްޖޭގައި މަޝްރޫއެއް ހިންގަނީ އަލަށް ނޫން ކަމަށާއި ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރު ވެސް އެޅީ ކުޅިއެއް ހިއްކައިގެން ކަމަށެވެ. އަދި މީގެކުރިން ވެސް ކުޅުދުއްފުށީ ކުޅިއެއް ހިއްކައިގެން މަޝްރޫއެއް ހިންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއާޕޯޓު އެޅުމަކީ ކުޅުދުއްފުއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާއިރު، އެރަށުގެ ގިނަ ރައްޔިތުން ވެސް އެއާޕޯޓު އަޅަން ބޭނުންވާ ކަމަށް އެންވާރަމެންޓް މިނިސްޓަރު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް. ކާމިޔާބުވާނެ ޕްރޮޖެކްޓެއް. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ރައްޔިތުންނަށް ރައީސް ޔާމީންގެ މެނިފެސްޓޯގައި ނޫނީ ރިޔާސީ ވައުދެއްގޮތުގައި ވެވަޑައިގެންފައި އޮތްކަންތައް، ގިނަ ބަޔަކު އެކަންތައް ނުކުރެވޭނެ ކަމަށް ބެލިކަންތައް ކުރެވިގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅާ ސަރަހައްދު --- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓު އަޅާ ސަރަހައްދު ހިއްކުމަށް އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފު މިހާރު ވަނީ އެރަށަށް ގޮސްފައެވެ. އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ހަ މަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.