28 Oct 2017, 08:25
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އެެއްވެސް ކަމެއް ގޯސްކޮށް ކުރުމުގެ ފުރުސަތު މިހާރަކު ނޯންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު އަބްދުލް ހަލީމް ވިދާޅުވެއްޖެއެވެ.
ޓީވިއެމް އިން ގެނެސްދޭ "ޒިންމާ" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ ކުރިން އެކުންފުނީގެ ބަނދަރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ފުރުސަތު އޮތަސް މިހާރު އެފަދަ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
ތިން ސައިކަލަށް ޑިއުޓީ ނުދައްކައި އެމްޕީއެލްގެ ބަނދަރުން ވަގަށް ގެންދިޔަ މައްސަލައިގައި ހަލީމް ވިދާޅުވީ އެފަދަ އަމަލުތައް ހިނގަމުންދަނީ ގަވައިދާ އުސޫލުތައް ކުންފުނީގައި ގާއިމްނުކުރެވިގެން ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ސައިކަލުތަކުގެ މައްސަލަ ސަމާލުކަމަށް އައުމާއެކު ވަގުތުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއް އުފައްދައި އިހުމާލުވި މުވައްޒަފުންނާމެދު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު އައިފަހުން އެކުންފުނީގެ މަސައްކަތްތައް ވެސް ހަލުވިވެފައިވާ ކަމަށެވެ.
އެގޮތުން ބޯޓެއް އައިސްގެން ޝިޕިން ޑޮކިޔުމަންޓްސްތައް ސިސްޓަމަށް އެންޓާކުރުމަށް ހަތަރު ވަރަކަށް ދުވަސް ކުރިން ނެގި ނަމަވެސް މިހާރު އެންމެ ހަތަރު ގަޑިއިރުން އެކަން ކުރެވޭ ކަމަށް ހަލީމް ވިދާޅުވިއެވެ.
"ކުރިން ބޯޓެއް އައިސްފިނަމަ އެކަށިގެންވާ އާލާތްތަކާއި އަދި ވަސީލަތްތައް ނެތުމުގެ ސަބަބުން ވަރަށް ގިނަ ދުވަސްތަކެއް މުދާ ކްލިއާ ކުރުމަށް ނަގާ. ނަމަވެސް މިހާރު އާ އިންވެސްޓުމަންޓު ތަކާއެކު ދެތިން ދުވަސް ތެރޭ މުދާ ކްލިއާ ކުރެވޭނެ. މިހުންނަނީ ސްޕީޑުގެ ގޮތުން އަޅުގަނޑުމެންނަށް ލިބިފައި ހުރި ކުރިއެރުންތަކެއް،" ހަލީމް ވިދާޅުވިއެވެ.