28 Oct 2017, 00:13
މިދިޔަ ބުރާސްފަތި ދުވަހު އެކަނި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް 66 މައްސަލަ ނިންމަވައިފިއެވެ.
ގާޒީ ހަލީމް ވަނީ ބުރާސްފަތި ދުވަހު 160 މައްސަލަ ތާވަލްކޮށް އޭގެތެރެއިން 153 މައްސަލައިގެ ޝަރީއަތް ހިންގައި، 66 މައްސަލައިގެ ހުކުމް އިއްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ގާޒީއަކު އެއް ދުވަހަކު އެންމެ ގިނައިން ޝަރީއަތް ހިންގައި އަދި އެއް ދުވަހަކު އެންމެ ގިނައިން ހުކުމް އިއްވި ފަހަރެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ހިންގަވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00އާ ހަމައަށް، މެދުނުކެނޑި 16 ގަޑިއިރު ޝަރީއަތް ކުރައްވައިގެނެވެ.
ގާޒީ ހަލީމް ބުރާސްފަތި ދުވަހު ނިންމެވި މައްސަލަތަކުގެ ތެރޭގައި ރަހުނު ހިމެނޭ ލޯނުގެ މައްސަލަތަކާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދިފައިވާ މައްސަލަތަކާއި ވަޒީފާ އިން ވަކިކުރުމުގެ މައްސަލަތަކާއި ކޮންޓްރެކްޓްގެ މައްސަލަތަކާއި ބިމާއި މުދަލާއި އަދި ގޯތިދެދޮރާ ގުޅޭ މައްސަލަތަކާއި އެ ނޫންވެސް މަދަނީ ތަފާތު އެކި މައްސަލަތައް ހިމެނެއެވެ.