އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުން: ޖަޒްލާން މުހައްމަދު

އިއްޔެ ހަވީރު ފަށައިގެން އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 (ސަޓާ)ގެ ބައިވެރިންނަށް މިރެޔަކީ ވަރަށް ބޮޑު ރެޔެކެވެ. މިރެޔަކީ ސަޓާގެ އެންމެ ބޮޑު އިވެންޓް "ސަޓާ ގާލާ އެންޑް އެވޯޑްސް" އޮންނަ ރެޔެވެ. ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑު ހޯދުމަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިނަކުން އެ ރެޔަކަށް ޓަކައި އިންތިޒާރު ކުރަމުން އައި ރެ އެވެ.

އޭޝިއާގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ބައިވެރިވާ ސަޓާގައި މިފަހަރު ބޫޓާން އަދި ނޭޕާލް އަލަށް ވާދަކޮށް 450 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ސަޓާ އަށް ނޮމިނޭޓް ވެފަ އެވެ. ސަޓާ ފުރަތަމަ ފަހަރު ބާއްވާފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަހު ސްރީލަންކާ ގައެވެ. އެފަހަރު އެ އެވޯޑަށް ވާދަކޮށްފައި ވަނި އިންޑިއާ، ސްރީލަންކާ އަދި ރާއްޖެ އެވެ.

މިފަހަރުގެ ސަޓާގައި 10 ސެގްމަންޓަކުން 34 ކެޓަގަރީއެއް ވެ އެވެ. އަދި އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ބޮޑެތި ބްރޭންޑްތައް ހިމެނެ އެވެ.

އިންޑިއާ އިން ނޮމިނޭޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކްސްޕީރިއެންސް ހޮޓެލްސް، ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަން އާއި ޖޯން ހޮވާޑާއި ދަ ލީލާ ޕްލެސެސްއާއި ޝެރަޓަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެ އެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނި ވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފަ އެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެ އެވެ.

ބޫޓާން ތަށީ ނަމްގޭ ފަދަ ބްރޭންޑުތައް ވެސް މިހާރު ސަޓާއަށް ވަނީ ނޮމިނޭޓުވެފަ އެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެ އެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފަ އެވެ.

ސަޓާގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެކި ގައުމުތަކަށް ނިސްބަތްވާ، އެކި ދާއިރާތަކުގެ މާހިރުން ހިމެނޭ ޖަޖިންގް ޕެނަލުން އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށެވެ. އިވެލުއޭޝަން ކުރިއަށް ގެންދިޔަ އިރު އެވޯޑުގެ އޮފިޝަލް އޮޑިޓަރުން ކަމުގައިވާ ކްރޯ ހޮވާތު މޯލްޑިވްސް އިން ދިޔައީ މުޅި އިވެލުއޭޝަން ބަލަހައްޓަމުންނެވެ.

ޖަޖުންގެ މާކްސް އާއި އޮންލައިން ވޯޓިން މެދުވެރިކޮށް އެވޯޑުގެ ހައްގުވެރިން މިވަނީ ހޮވާފަ އެވެ. މި ރެއަކީ އެ ހައްގުވެރިންގެ ނަންތަށް އިއުލާނުކޮށް އެ ފަރާތްތަކަށް އެވޯޑު ދެވިގެންދާ ރެ އެވެ.

މިރޭގެ އެވޯޑް ހަފްލާ ވެގެންދާނީ ހަމައެކަނި އެވޯޑްދީ ވާހަކަ ދެއްކުމުގެ ހަފްލާއަކަށް އެކަންޏެއް ވެސް ނޫނެވެ. މިއީ ދިވެހި ސަގާފީ ހަރަކާތްތަކާ ދިވެހިންގެ ހުނަރު ވެސް ފެނިގެންދާނެ ރެއެކެވެ.

އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު އެއް ބޮޑުބެރު ގްރޫޕް، "1438"ގެ ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކާ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.

ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފަ ވަނީ ސަން އޮންލައިން އެވެ.