02 Aug 2011, 21:45
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން އިއްޔެ ފެށި ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ނިއުރޭޑިއަންޓުން ކާމިޔާބު ކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ޓާފް އެއްނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް ނިއުރޭޑިއަންޓުން ކާމިޔާބު ކުރީ ވިކްޓަރީއާ ބައްދަލުކޮށް 1-0 ލަނޑުން ނެވެ.
މެޗްގައި ނިއު އިންޖެހި އެޓީމްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ 48 ވަނަ މިނެޓުގައި އަލީ އާދިލް ރަޝީދުގެ ފަރާތުން ނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ވެލެންސިއާ އާއި މާޒިޔާއާ ވީބީ ސްޕޯޓްސް އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ދޭއްގައި ހިމެނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މިމުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ ވީބީ ސްޕޯޓްސް ކުލަބާއި އޭވައިއެލް އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައެވެ.