އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމުގެ 25 މިނިޓް ކުރިން އިނގިރޭސި ވިލާތުގެ ނޫހަކަށް ފޯނު ކޯލެއް އައި ކަމަށް އެމެރިކާ ސަރުކާރުން އާންމުކުރި ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގީ ލިޔުންތަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ ނެޝެނަލް އާކައިވް އިން ކެނެޑީ އަވަހާރަކޮށްލުމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ 2800 ލިޔުމެެއް އާންމުކޮށްފަ އެވެ.

ސައްބިސް ނޮވެމްބަރު 1963ގެ މެމޯއަކާ ހަވާލާދީ އާންމު ކުރި ލިޔުމުގައި ބުނިގޮތުގައި ކެމްބްރިޖް ނިއުސްގެ ސީނިއާ ރިޕޯޓަރަކަށް ކެނެޑީ އަވަހާރަކޮށްލުމުގެ 25 މިނިޓް ކުރިން ކާކުކަން ނޭނގޭ މީހަކު ގުޅި އެވެ. އަދި ވަަރަށް ބޮޑު ޚަބަރެއް އެބަ އޮތް ކަމަށާއި އިނގިރާސިވިލާތުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ގުޅުމަށް ބުނެ އޭނާ ފޯނުކަނޑާލި ކަމަށް އާންމު ކުރި ލިޔުންތަކުގައި ވަނީ ބުނެފަ އެވެ.

ކެނެޑީ އަވަހާރަވި ޚަބަރު ލިބުމާއެކު އެ ރިޕޯޓަރު ވަގުތުން އިނގިރޭސިވިލާތުގެ އެތެރޭގެ ޖަސޫސީ އިދާރާ އެމްއައިފައި އަށް އެންގި ކަމަށާއި އެ ފަދަ ކޯލެއް މީގެ ކުރިން ދުވަހަކު ވެސް އެ ރިޕޯޓަރަށް ލިބިފައި ނުވާ ކަމަށް ވެސް އާންމު ކުރި ލިޔުންތަކުގައި ބުންޏެވެ.

ކެެނެޑީ އަވަހާރަކޮށްލައިފައި ވަނީ ޓެކްސަސްގައި އެމަނިކުފާނުގެ ކާރުކޮޅުގައި ދަތަރުކުރައްވަނިކޮށް 22 ނޮވެމްބަރު 1963 ވަނަ ދުވަހު އެވެ.

ކެނެޑީ އަވަހާރަކޮށްލި ހާދިސާ އަށް ފަހު އެމަނިކުފާނު އަވަހާރަކޮށްލުމުގައި އެމެރިކާގެ ސަރުކާރުގެ އަތެއްވާ ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެެވެ. ހުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ކެނެޑީ އަވަހާރަކޮށްލި ހަގީގަތް އެގައުމުގެ ރައްޔިތުންނަށް ކޮންމެހެންވެސް އެނގެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކެނެޑީ އަވަހާރަކޮށްލި، ހަގީގަތް ހޯދުމަށް އެމެރިކާގެ ސަރުކާރުން އެކުލަވައިލި "ވޮރެން ކޮމިޝަނުން" 1964 އަހަރު ނެރުނު ބަޔާނުގައި ބުނީ ކެނެޑީ އަވަހާރަކޮށްލީ ލީ ހާވޭ އޮސްވާލްޑް ކިޔާ މީހަކު އެކަނި ދިން ހަމަލާއަކުން ކަމަށެވެ.