ސްރީލަންކާއިން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމަށް ރާއްޖެއިން އެ ގައުމަށް ކަނޑއަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

މުންދު ވަނީ ސްރީލަންކާއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ. ލަންކާއަކީ މިހާރުވެސް ރާއްޖެއިން މަހުގެ ތަފާތު ބާވަތްތައް އިމްޕޯޓުކޮށް އެހެން ގައުމުތަކަށް ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ގައުމެކެވެ.

ޓޫރިޒަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ އިތުރުން ޑިފެންސް ގެ ދާއިރާއިން ވެސް ސްރީލަންކާ އާއި ރާއްޖެދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މުންދު ވިދާޅުވީ ސްރީލަންކާއަކީ ކުރިއްސުރެވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ.

ތައުލީމީ ދާއިރާގައި ވެސް ދެ ގައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުންތަކެއް އޮންނަ ކަމަށް ވެސް މުންދު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ލަންކާގެ ގިނަ ޓީޗަރުން ހަރަކާތްތެރިވާއިރު ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ތައުލީމު ހާސިލްކުރަމުންދާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.