27 Oct 2017, 19:38
ސްޕެއިންގެ ކިބައިން މިނިވަންމުވަމަށް މަސައްކަތްކުރަމުންދާ އެގައުމުގެ ކެތަލޯނިއާ ސަރަހައްދު އެންމެ ފަހުން މިނިވަންކަން އިއުލާންކޮށްފިއެވެ.
މިމަހު އެކެއްގައި ނެގި ވޯޓަށް ފަހު ކެތަލޯނިއާއިން ވަނީ މީގެ ކުރިންވެސް މިނިވަންކަން އިއުލާކްކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސްޕޭން ސަރުކާރުގެ ފިއްތުމުގެ ސަބަބުން މިނިވަންކަން އިއުލާން ކުރުން އޭރު ވަނީ މަޑުޖައްސައިލައިފައެވެ.
ކެތަލޯނިއާގެ ޕާލިމަންޓުގައި މިއަދު ނެގި ސިއްރު ވޯޓުގައި 70 މެމްބަރަކު މިނިވަންކަން އިއުލާންކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވިއިރު ދިހަ މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. މިނިވަންކަން އިއުލާން ކުރުމާއެކު ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގެ މަގުތަކަށް ގިނަ ބަޔަކު ނުކުމެ ވަނީ އުފާފާޅުކޮށްފައެވެ.

މިނިވަންކަން އިއުލާން ކުރުމަށްފަހު ކެތަލޯނިއާގެ ރައްޔިތުން ބާސެލޯނާގައި އުފާފާޅުކުރަނީ--ފޮޓޯ : އޭޕީ
ޔޫރަޕްގެ ކޮމިޝަނުން ކެތަލޯނިއާގެ މިނިވަންކަމާމެދު މިހާތަނަށް އެއްޗެއް ބުނެފައިނުވާ ކަމަށްވެސް ރޮއިޓާސްއިން ބުންޏެވެ.
މިނިވަންކަން އިއުލާންކުރިތާ ކުޑަކުޑަ އިރުކޮޅެއްތެރޭ ސްޕޭންގެ ސަރުކާރުގެ ޕާލިމަންޓުންވަނީ ކެތަލޯނިއާ ސްޕޭންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށް ފާސްކޮށްފައެވެ.
ސްޕޭންގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީ މިއަދު އޭނާގެ ކެބިނެޓާ ބައްދަލުވުން ބާއްވައި ކެތަލޯނިއާގެ މައްސަލައިގައި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އެގޮތުން ކެތަލޯނިއާގެ ސަރުކާރު އުވާލައި އެ ސަރަހައްދުގެ ފުލުހުން އެ ގައުމުގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކު ވަނީ ދެފަރާތުންގެ ވެސް ހަމަނުޖެހުންތަކަށް ތަންނުދީ ވާހަކަ ދެއްކުމަށް ވަނީ ގޮވައިލައިފައެވެ. ޓަސްކު ވިދާޅުވީ ޔޫރަޕިއަން ކައުންސިލުން ހަމައެކަނި ވާހަކަދައްކާނީ ސްޕޭންގެ ސަރުކާރާ ކަމަށެވެ.