27 Oct 2017, 18:34
ބަނޑޭރިކޮށީގެ 195 ނަންބަރު ކޮށިން މީހުން ނެރެ އެތަން ހުސްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަށައިފިއެވެ.
މިއަދު ހަވީރު 4:30 އެހައިކަންހާއިރުން ފެށިގެން ސިފައިންނާއި ފުލުހުން އަންނަނީ އެތަން ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން އެތަނުގައި ދިރިއުޅޭ މީހަކު ބުނީ ބަދަލުދިނުމަށްފަހު ނޫނީ އެތަން ހުސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ އެތަން ހުސްކުރުމަށް ދިޔަ ސިފައިންނާ ފުލުހުންނަށް ހައިކޯޓުގެ ހުކުމް ދެއްކުމަށްފަހު، އެ ހުކުމް ބާތިލްކޮށް ނެރެފައިވާ އެއްވެސް ކޯޓު އަމުރެއް އޮތްތޯ ސުވާލުކުރުމުން އެފަދަ އަމުރެއް ދެއްކިފައިނުވާ ކަމަށެވެ.
"ހައިކޯޓުގެ ހުކުމެއް އެބައޮތް ބަދަލުދީފަ ނޫނީ ނުނެރެން. ހައިކޯޓުގެ ހުކުމެއް މިހެން އޮއްވައި، ޝަރުއީ އެއްވެސް ކޯޓަކުން ބަނޑޭރިކޮށި ހުސްކުރާނެ އަމުރެއް ނެތި ބާރުގެ ބޭނުންކޮށްގެން މިތަން މި ހުސްކުރަނީ،" އޭނާ ބުންޏެވެ.
ސިފައިންނާއި ފުލުހުން ބަނޑޭރިކޮށި ހުސްކުރުމުގެ މަސައްކަތް ކުރަނީ ---ސަން ފޮޓޯ/ ފަޔާޒު މޫސާ
މި މަހުގެ 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެތަން ހުސްކުރަން ޑިފެންސް މިނިސްޓްރީން އަންގާފައިވާތީ އެ މައްސަލަ ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައި ކަމަށާއި ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް އެތަން ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަލުން އަގުކޮށްފަ ބަދަލުދޭންޖެހޭ ކަމަށް ނިންމަވައިފި ކަމަށް ވެއްޖެއްޔާމު ކިހިނެތްތޯ ވެރިކަމުގެ ފަރާތުން ނޫނިއްޔާ މަތިން މީހަކު ފައިބާފަތޯ މިތަނަށް ލިބިފަ ހުރި ގެއްލުން ނޫނިއްޔާ ލިބިފަ ހުރި ގެއްލުން އިއާދަކުރެވޭނެތޯ. އެ ދެއްކޭނެތޯ. ކިހިނެތްތޯ އަގުކުރާނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެތަން އަގުކޮށް ބަދަލުދޭން ހައިކޯޓުން ހުކުމް ކުރުމުން ޑިފެންސް މިނިސްޓްރީން ބުނަނީ މާކުރިން އެތަން އޮތީ އަގުުކޮށްފައި ކަމަށާއި އެހެންކަމުން އެއޮތީ އަގުކުރެވިފައި ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމުގައި އެތަން އަގުކޮށް ބަދަލުދޭން އަމުރުކޮށްފައި އޮތުމުން، އަލުން އަގުކޮށް ބަދަލުނުދީ އެތަން ހުސްނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ބަނޑޭރިކޮށީގެ 195 ނަންބަރު ކޮށީގައި ދިރިއުޅޭ މީހަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---ސަން ފޮޓޯ/ ފަޔާޒު މޫސާ
"ބާރުހުރި ބަޔަކު ބާރުގެ ބޭނުންް ނަހަމަގޮތުގައި ބޭނުންކޮށްގެން ހައިކޯޓުގެ ހުކުމާ ޚިލާފަށް މިތަން މި ހުސްކުރަނީ،" އޭނާ ބުންޏެވެ.
މިކަމާ ބެހޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެތަން ހުސްކުރަމުން ދަނީ ފުލުހުން ކަމަށާއި އެކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުމަށް އެދޭ ކަމަށެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ސިފައިންނާއި ފުލުހުން ބަނޑޭރިކޮށީގެ 195 ނަންބަރު ކޮށި ހުސްކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ހައިކޯޓުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މ. މެރީލޮޖް މުހައްމަދު ފިރާގު ސިފައިންގެ ވަޒީފާއިން ވަކިވިފަހުން ވެސް އޭނާ އަށް ބަނޑޭރި ކޮށީގައި ހުރެވުނީ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ހުއްދައިގެ ދަށުންކަން އެނގޭ ކަމަށެވެ.
ފިރާގު ސިފައިންގެ ވަޒީފާއިން ވަކިވީ ޑިސެމްބަރު 6، 1994 ގައެވެ.
ވަޒީފާއިން ވަކިވުމުން ފިރާގު ދިރިއުޅުނުތަން އަގުކޮށް 77،383.89 ރުފިޔާ ފިރާގަށް އެމްއެންޑީއެފް އިން ދިންނަމަވެސް އެ ބިމުގައި ދިރިއުޅެވޭ ގޮތް ހަމަޖެހުމުން އެ ފައިސާ އަނބުރާ ދީފައިވާ ކަމަށް އެ ހުކުމްގައިވެ އެވެ.
ސިފައިންގެ ވަޒީފާއިން ވަކިވިފަހުން ފިރާގަށް އެތަނުގައި ހުރެވިފައި ވަނީ އޭނާ ދިރިއުޅުމަށް އެތަން ދޫކޮށްފައިވުމުންކަން ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ ކަމަށް އެ ހުކުމްގައިވެއެވެ. އަދި އެނޫން ގޮތަކަށް އެކަން ހިނގާފައިވާ ކަމުގެ ހެއްކެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެތަނުން ފިރާގު ނެރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގަތުން ނޫން ކަމަށާއި ނަމަވެސް އެތަން އަތުލަން އުޅުނީ ބަދަލު ދިނުމެއް ނެތި ކަމަށްވާތީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.