27 Oct 2017, 17:56
އދ. މަޖިލިސް (އޮކްޓޯބަރ 27) : މިޔަންމާގެ ބައިމަދު ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލުމަށް ޓަކައި އެގައުމުގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް ގަރާރެއް ފާސްކުރަން އދ.ގެ ސަލާމަތީ މަޖިލީހުން މަސައްކަތް ފަށައިފި އެވެ.
މިމަސައްކަތުގެ ދަށުން މިހާރު ވަނީ ގަރާރެއްގެ ދެލިކޮޕީ އެކުލަވާލާފަ އެވެ. އެ ގަރާރުގެ ދެލިކޮޕީ ޑްރާފްޓްކޮށްފައި ވަނީ ފަރަންސޭސިވިލާތާއި އިނގިރޭސި ވިލާތުންނެވެ. އޭގައި މިޔަންމާގެ ސަރުކާރާއި އެގައުމުގެ ހަރުކަށި ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނިފައެއްނުވެ އެވެ. އެއީ ޗައިނާ އިން އެގަރާރާ ދެކޮޅަށް ވީޓޯގެ ބޭނުން ކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށް އދ.ގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވެ އެވެ. ނަމަވެސް ވަރުގަދަ ޑިމާންޑްތަކެއް އެ ގައުމަށް ކޮށްފައިވެ އެވެ.
މީގެ ތެރޭގައި މިޔަންމާގެ ސިފައިން ރޮހިންޖާ އިންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންގެ ނަމުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށާއި ވަގުތީ ފޭލިގެތަކުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ވަރަށް ހާލުގައި އުޅެންޖެހިފައިވާ ރޮހިންޖާ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށާއި ރައްވެރިކަން ރޮހިންޖާ އިންނަށް ދިނުމަށް މިޔަންމާގެ ހަރުކަށި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އެގަރާރުގެ ދެލިކޮޕީގައި މިޔަންމާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާނުލިނަމަވެސް ރަކީންގައި ހިންގާ ހުރިހާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރޮހިންޖާއިންނާ ދެކޮޅަށް ހިންގާ ހުރިހާ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި އިންސާނީ އެހީދޭ ފަރާތްތަކުން ރަކީން ސްޓޭޓަށް ދިއުމުގެ ހުއްދަ ދިނުމަށް ވެސް މިޔަންމާގެ ހަރުކަށި ސަރުކާރަށް ގޮވާލާފައިވެ އެވެ.
މިޔަންމާގެ ހަރުކަށިވެރިން މަސައްކަތް ކުރަނީ އަނިޔާކޮށްގެން އެގައުމުން ބޭރުކޮށްލި ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ދިޔުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އދ. ން ބުނެ އެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލުމަށް ޓަކައި އެގައުމުގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާތަކުން ސަލާމަތްވުމަށް ޓަކައި ހަލައްކައަށް ވުރެ ގިނަ ރޮހިންޖާއިން އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަނީ ގޮސްފަ އެވެ. އަދި މިޔަންމާގެ ލާއިންސާނީ ޖަރީމާތަކުގައި ރޮހިންޖާއިންގެ ހަސަތޭކައަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އަދި ރޮހިންޖާއިންގެ ގެދޮރުވެސް ވަނީ އަންދާލައިފަ އެވެ.
މިއީ މިމައްސަލާގައި މިޔަންމާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އުޅޭ ފުރަތަމަ ގަރާރެވެ. މިގަރާރާ ދެކޮޅަށް މިޔަންމާގެ ދިފާއުގައި ޗައިނާ މަސައްކަތް ކުރާނެކަމަށް ބެލެވޭ އިރު އެމެރިކާއާއި ރަޝިޔާގެ ސިޔާސަތު ވެސް ވަނީ ރޮހިންޖާއިން ނަށް ހަމްދަރްދީ ވާގޮތަށް ނޫންކަމަށް މައުލޫމާތު ލިބެ އެވެ.
އަދި ވަގުތު ފާއިތުވި ފަހުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް މިކަމައިގެން މިއުޅެނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާކަން ދެއްކުމުގެ ބޭނުމުގައި ކަމަށާ ރޮހިންޖާއިންގެ ނަސްލު ހިމާޔަތްކޮށް އެމީހުންގެ ހައްގުތައް ހޯދައި ދިނުމުގައި އެއްވެސް ބޮޑު ބާރެއްގެ މަސްލަހަތު ނެތްކަމަށް މުހައްލިލުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)