02 Aug 2011, 16:59
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ނިސްބަތް ކުރާ އަދަދަށް ބަދަލު އައުމުން ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަންކޮށް ކޮމެޓީތަކުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހުގެ ދާއިމީ 12 ކޮމެޓީއެއްގެ މުގައްރިރުނާއި ނައިބު މުގައްރިރުން މިއަދު މެންދުރު 11:00 ފެށިގެން މަޖިލީހުގައި ބޭއްވި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި ހޮއްވަވާފައިވާ ކަމަށެވެ. ބާރަ ކޮމެޓީއެއްގެ މުގައްރިރުން މިއަދު ހޮއްވެވި އިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ ގަވާއިދު ހޮމެޓީގެ މުގައްރިރަކާއި ނައިބު މުގައްރެއް ހޮއްވަވާފަ އެވެ. މަޖިލީހުގައި ހިމެނޭ 13 ކޮމެޓީތަކުގެ ތެރެއިން ސަރުކާރު ހިންގާ އެމްޑީޕީން ހަ ކޮމެޓީއަކަށް އެ ޕާޓީގެ މެންބަރުން މުގައްރިރުންނަށް ހޮވާފައިވާއިރު، އިދިކޮޅު ޕާޓީތަކުންގެ ހަ މެންބަރަކު ވެސް ވަނީ ހަ ކޮމެޓީއެއްގެ މުގައްރިރަކަށް ހޮވައިފަ އެވެ. ނަމަވެސް މިނިވަން މެންބަރުންގެ ތެރެއިން ކޮމެޓީގެ މުގައްރިރުކަން ދެއްވާފައި ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ކަމެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮއްވަވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރެވެ.
އެމްޑީޕީންނާއި އިދިކޮޅު ފަރާތްތަކުން ކޯޅެމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ )241 ކޮމެޓީ( ގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. އަދި ނައިބު މުގައްރިރަކަށް ހޮއްވަވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.
އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް ހޮވާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އެވެ. އަދި ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
ގައުމީ ތަރައްގީގެ ކޮމެޓީ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ. ނައިބަކަށް ހޮވާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ. ސުލޫކީ ކޮމެޓީގެ މުގައްރިރަކަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ހޮވާފައިވާއިރު، ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ. އިގްތިސާދީ ކޮމިޓީގެ މުގައްރިރަކަށް ހޮވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އަދި ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ ގާސިމް އިބްރާހިމެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީ މުގައްރިރަކަށް ހޮއްވެވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، އަދި ނައިބަކަށް މުގައްރިރަކަށް ހޮއްވެވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. އަދި ޕެޓިޝަން ކޮމެޓީގެ މުގައްރިރަކަށް ނޮޅިވަރުމު ދާޢިރާގެ މެންބަރު މުހައްމަދު ނަޝީދު )ކާނަލް( ހޮއްވެވާފައިވާއިރު، ނައިބު މުގައްރިރަކަށް ހޮއްވެވީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދެވެ.
އިމްތިޔާޒު ކޮމެޓީގެ މުގައްރިރަކަށް ހޮއްވެވީ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަރު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް ހޮއްވެވީ ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖްތާޒް، އަދި ނައިބު މުގައްރިރަކަށް ހޮއްވެވީ ރިޔާޒް ރަޝީދެވެ. އާންމު ކޮމެޓީގެ މުގައްރިރަކަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހޮއްވަވާފައި ވާއިރު، ނައިބު މުގައްރިރަކަށް ހޮއްވެވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހޮއްވަވާފައި ވާއިރު، އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮއްވެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ގަވާއިދު ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރަކަށް ހޮއްވެވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދެވެ. އަދި ނައިބު މުހައްރިރަކަށް ހޮއްވެވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ކޮމެޓީތަކުގެ މަސައްކަތާ ބެހޭ ގޮތުން މިރޭ 9:30ގައި ކޮމެޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާނެ ކަމަށެވެ.