27 Oct 2017, 14:03
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ބިނާ ކުރަނިވި ފިކުރު ދޫކުރައްވައި ވަޑައިގަތީ "ރައީސް ނަޝީދުގެ ފަނާ ކުރަނިވި ފިކުރަށް" ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ރައީސް މައުމޫނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ގައުމު ބިނާ ކުރެއްވި ބޭފުޅުން ގައުމާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އޭރު ސިޔާސީ ލީޑަރެއްގެ ދުލުން "މިގައުމުގައި އޮންނާނީ ދެ ފިކުރޭ" ވިދާޅުވި ކަމަށާއި އެއީ ރައީސް ނަޝީދުގެ ފަނާކުރަނިވި ފިކުރާއި "އަޅުގަނޑުމެންގެ ބިނާ ކުރަނިވި ފިކުރު" ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އޭރު އޮތީ މޭޒުގެ ދެފަރާތުގައި އަޅުގަނޑުމެން ދެބައި މީހުން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ބޭނުނުން އެބޭފުޅުން [ރައީސް މައުމޫނު] ތެދުވެވަޑައިގެން ފިކުރު ބަދަލު ކުރެއްވުމުން، އެބޭފުޅުންނަށޭ މޭޒުގެ އަނެއް ފަރާތައް އެ ވަޑައިގަނެވުނީ،" އާޒިމާ ވިދާޅުވި އެވެ.
މިހާރު ވެސް އެކަމަނާ އާއި ރައީސް ޔާމީންގެ ޓީމު ތިއްބެވީ ބިނާކުރަނިވި ފިކުރުގެ ފަރާތުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތުގައި އުސޫލު ބަދަލު ނުކުރައްވާ ހަމައެކަނި ލީޑަރަކަށް ހުންނަވަނީ ރައީސް ޔާމީން ކަމަށް އާޒިމާ ވިދާޅުވި އެވެ.
އެބޭފުޅެއްގެ އަތްޕުޅުން ގައުމު ބިނާކުރެއްވި ބޭފުޅުން މިއަދު ގައުމާ ދެކޮޅަށް މަސައްކަތް ކުރައްވާތީ "ހިތަށް ދަތިވޭ" ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑު މީ އެއް ވެސް މީހަކަށް ދަންނަވާ ކުޑައިމިސް ބަހެއް ނޫން. އަޅުގަނޑު މި ބަސް މި ދެންނެވީ މި ގައުމަށް ހިދުމަތް ކޮށްފައި ހުރި މިގައުމުގެ ތަރައްގީގައި އަޅުގަނޑުގެ ވެސް ހިއްސާއެއް އޮތް، މި ގައުމުގެ މުސްތަގުބަލުގައި ވެސް އަޅުގަނޑުގެ ހިއްސާއެއް، އަޅުގަނޑުގެ ދަރިންގެ ވެސް ހިއްސާއެއް އޮތް މީހެއްގެ ހައިސިއްޔަތުން. މީކީ [ރައީސް މައުމޫނު އިދިކޮޅާ ގުޅުމަކީ] އިންސާފެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާނެ ކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ އެބޭފުޅުންގެ ހަނގުރާމާގައި ބުރަކޮށް މަސައްކަތް ކުރައްވާފައި ވަނިކޮށް އެގޮތަަށް ބަދަލު ވީމާ "އުނދަގޫވޭ" ކަމަށެވެ.
"އެބޭފުޅެއްގެ އަތްޕުޅުން މިގައުމު ބިނާ ކުރެއްވި ބޭފުޅުން އެހެން ގޮތަކަށް ގައުމު ޑިސްޓެބިލައިޒް ކުރެއްވުމަކީ ދެރަކަމެއް." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކުގެ އިސް ސަފަށް ނުކުމެވަޑައިގެން، ސަރުކާރާ ދެކޮޅަށް އަޑު އުފުއްލަވައިފަ އެވެ. އަދި އެ ދުވަސްވަރު މުޒާހަރާތަކުން ހައްޔަރު ކުރި މީހުން މިނިވަން ކުރުމަށް ޓަކައި، ގާނޫނީ ވަކީލެއްގެ ރޯލު ވެސް އޭނާ އަދާ ކުރެއްވި އެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ، އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިއްޕަވާފައިވާ ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު ދެ ފަހަރަށް އާޒިމާ ވަނީ ފުރުއްވައިފަ އެވެ. އަދި ޖެންޑާ މިނިސްޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ. ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުމުން އެކަމަނާ އަށް ރުހުމެއް ނުލިބުނެވެ. ނަމަވެސް ް މަޖިލީހުގެ ރުހުމާ އެކު، އެ މަގާމުގައި ދެމިހުންނެވުނީ އެންމެ ހަތަރު މަހު އެވެ.