ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ގަން ހޯދި އިރު، ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫ ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅުނު ލ. އަތޮޅުގެ މެޗު ގަމުން ކާމިޔާބުކުރި އިރު، ތިނަދޫން ވަނީ ގދ. އަތޮޅުގެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ރޭ ކުޅުނު މެޗުގައި ގަމުން ވަނީ ލ. މާވަށް އަތުން 10-2 ލަނޑުން މޮޅުވެފަ އެވެ. އެ މެޗުގައި ގަމުން ކާމިޔާބުކުރި ދިހަ ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުސައިން ނާޝިދާއި އަހްމަދު ރަޝީދު، މިއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބު ކޮށްދިނެވެ. އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުލް ބާރީ އާއި އަހްމަދު އަޖުވަދާއި އަބްދުﷲ ޖުނައިދު އަދި ރައްޒާން އަބްދުލް ސަމަދެވެ. މާވަށް ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ހުސައިން އަރުޝަދެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގަމުގެ ހުސައިން ޝަރީފެވެ.

ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތިނަދޫ ވަނީ ރޭ ގދ. މަޑަވެލި އަތުން 1-2 ލަނޑުގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އެ މެޗުގައި ތިނަދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް އަހްމަދާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް ޝަނޫނެވެ. މަޑަވެލީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޝަމޫހު އަންވަރެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ތިނަދޫގެ ހުސައިން އަލީ އެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.