27 Oct 2017, 00:46
އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު އއ. މާޅޮސް އަތުން ފަސޭހަ މޮޅެއް ހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި މާޅޮސް އަތުން ނިއު މޮޅުވެފައި ވަނީ 7-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މޮޅާ އެކު ތާވަލުގެ އެއް ވަނަ އަށް ނިއު ޖެހިލީ ކުޅުނު ދިހަ މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ދިހަ މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި މާޅޮސް އޮތީ ކުޅުނު ދިހަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ.
މިރޭ ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ނިއު އަށް ދަގަނޑޭ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 18 ވަނަ މިނެޓުގައި އަހްމަދު އާރިފް ވަނީ މާޅޮހަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ނިއުގެ ފަރާތުން ވަރަށް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ނިއު އަށް ދަގަނޑޭ އަލުން ލީޑު ހޯދައިދިން އިރު، މެޗުގެ 50 ވަނަ މިނެޓުގައި އަހްމަދު އަބްދުﷲ (ލިލީ) ވަނީ ނިއު އަށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ނިއުގެ ހަތަރު ވަނަ ލަނޑު އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބު ކޮށްދިން އިރު، މެޗުގެ 77 ވަނަ މިނެޓުގައި ނިއުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ ދެ މިނެޓް ފަހުން ދަގަނޑޭ ހެޓްރިކް ފުރިހަމަ ކުރި އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ނިއުގެ ހަތް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ސެންޓޭ އެވެ.