ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަން ލޯންޗްކޮށްފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ އާ ސީޒަން ލޯންޗުކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސީޒަން ތިނެއް އިފްތިތާހުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ޗެއާމަން އިބްރާހިމް އުމަރު މަނިކެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން އިފްތިތާހު ކުރުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެއެވެ. މިރޭގެ ހަފްލާގައި ފަނޑިޔާރުންގެ ޕެނަލް ދައްކާލާފައިވާއިރު ފަނޑިޔާރުންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖް އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލް އާ ގުޅުނު ޒާރާ މުޖުތަބާއެވެ.

މޯލްޑިވިއަން އައިޑަލް ތިންވަނަ ސީޒަން ތިނެއްގެ ހޯސްޓުން ކަމަށްވާ މޫސާ ވަސީމް އަދި ޝައިނާ ޝަރީފް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް އެންމެންގެ އެކުވެރި މޫސާ ވަސީމެވެ. މިފަހަރުގެ ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. މި ސީޒަންގައި އަންހެން ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެ އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފައެވެ.

މޯލްޑިވިއަން އައިޑަލް ތިންވަނަ ސީޒަން ތިނެއްގެކޯޗު ތޭރަވާ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަން މިރޭ ލޯންޗް ކުރި އިރު މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ބާޢްވާނެ ރަށްތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ވިނާއަކީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަންގައި އައިޑަލްގެ ޓައިޓްލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. މިރޭ ވަނީ ބޮބްގެ އާ ތިން ލަވައެއް ލޯންޗްކޮށްފައެވެ. ލަވަތައް ލޯންކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޚަލީލެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ޓައިޓަލް ސްޕޮންސާ އަކީވެސް ކުރީ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.