27 Oct 2017, 09:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ވެސް ރަން އިލޮށިން ކަދުރު ކާންދީފައި ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކަނބަލުންގެ މަހާސިންތާ ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ތެރެއިން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކަށް ވެސް ރައީސް ނަޝީދު ކެހި ދީފައިވާ ކަމަށެވެ.
ވެރިކަން ކުރުމަށް ރައީސް ނަޝީދު ކުރަމުން އައި އުއްމީދުތައް ދޫކޮށްލައްވައި އެ މަނިކުފާނު އިންތިގާލީ ކެންޑިޑޭޓަކު ނެރެން އުޅޭތީ އެއީ ކީއްވެގެން ނިންމެވި ނިންމުމެއްތޯ ބަލަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ. ކުރީގެ ނާއިބު ރައީސް ޖަމީލަށް ވެސް ވަނީ ރަން އިލޮށިން ކަދުރު ކާންދީފައި ކަމަށާއި ތަފާތު ދަޅަތަށް ދައްކައިގެން އިނގިރޭސިވިލާތުގައި ބެހެއްޓުމަށްފަހު މަގާމު ދީފައި ވަނީ އެހެން ބޭފުޅަކަށް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"އެތަނުގައި ވެރިކަން ކުރާނަމޭ ބުނި މީހަކު ވިއްޔާ ހައްދުޖެހީ. ބޭރުކުރީ. ކުއްލިއަކަށް އަމިއްލަފުޅު ދޫ ފުޅުން މިއޮއް ހުރިހާ ދުވަހަކު ވެރިކަމަށް ކުރަމުން އައި އުއްމީދުތައް ދޫކޮށްލައިފައި އިންތިގާލީވެގެން އުޅެނީ ކޯއްޗެއް ހަދަން ބާއޭ ހިތަށް އެރީމާ ވިސްނާ ވިސްނާ ބުއްދި ފަސްވާ ހިސާބަށް ދިޔައިމާ މި އިނގުނީ އަޅުގަނޑުމެންގެ ޖަމީލަށް ވެސް އެކާންދިނީ ރަންއިލޮށިން ކަދުރުކަން" މޫސަ ވިދާޅުވިއެވެ.
ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުގެ ދުވަސް ދުއްވާލަން ރައީސް ނަޝީދު މަސައްކަތް ކުރަމުންދާ ކަަމަށް ވެސް މޫސަ ވަނީ ތުހުމަތުކުރައްވައިފަ އެވެ.
މޫސަ ވަނީ ޑރ. ޖަމީލް ރާއްޖެ ވަޑައިގެން މާފަށް އެދުމަށްފަހު އަނބުރާ ޕީޕީއެމް ޕާޓީގެ މަސައްކަތުގައި އުޅުއްވުމަށް ގޮވައިލައިފަ އެވެ. އަދި ވިދާޅުވީ ޑރ. ޖަމީލަކީ އެ ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ވަރަށް މުހިންމު ބޭފުޅެއް ކަމަށާއި ހަޔާތުގައި ލަދުގަންނަ ކަންތައްތައްތަކާ ދިމާވާނެ ކަމަށެވެ.