ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތައް ވަނީ އައްޑޫ ސިޓީއަށް ޖަމާވެފައެވެ. ތައްޔާރީތައް ވަނީ ފުރިހަމައަށް ކުރިއަށް ގެންގޮސްފައެވެ. ސަޓާ ފެށުމަށް އެ ފެސްޓިވަލް ބާއްވާ އީކުއޭޓާ ވިލެޖް ވަނީ ފައްކާވެފައެވެ.

ސަޓާ އަކީ ހައިރައިޒުން ކުރިފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައިވަނީ ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ފުރަތަމަ ފަހަރުގެ ކާމިޔާބީއާ އެކު އިތުރު ފުރިހަމަކަމާއެކީ ސަޓާގެ ދެވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި މިވަނީ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖް ގައި ފެސްޓިވަލެއްގެ ސިފައިގައި ތިން އިވެންޓަކަށް ބަހާލައިގެންނެވެ.

މަސްތަކެއްގެ ތައްޔާރީއާއި އިންތިޒާރަށް ފަހު މިއަދު ސަޓާގެ ފެސްޓިވަލް ފަށަން ވަނީ ތައްޔާރުވެފައެވެ. އައްޑޫގެ އަންހެނުންގެ ޖަމާއަތްތަކުން ނިކުމެ އިވެންޓް ބާއްވަން ހަމަޖެހިފައިވާ ސަރަހައްދުވަނީ ޒީނަތްތެރި ކޮށްފައެވެ. ބުރަމަސައްކަތާއި ހިތްވަރުން އައްޑޫ ސިޓީގެ ނަލަކަމާއި ރީތިކަން ވަނީ ދައްކާލާފައެވެ.

ސަޓާގެ ފެސްޓިވަލް ކުރިއަށްދާނީ ކިހިނެއް؟

ތިން ދުވަހަށް ބަހާލައިގެން ކުރިއަށްދާ ސަޓާގެ ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ބާއްވާ "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުމުންނެވެ. އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކާއި ރާއްޖޭގެ ބްރޭންޑްތަކުން ބޭފުޅުން ބައްދަލުވެ ބާއްވާ ނެޓްވޯކިން ފޯރަމެކެވެ.

ސާޓާ އިންތިޒާމުކުރާ، ހައިރައިޒްގެ ފައުންޑަރ، އިސްމާއިލް ހަމީދު "ސަން" އަށް ވިދާޅުވި ގޮތުގައި އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރަހައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ.

މިއަދުގެ އިވެންޓަށްފަހުގައި މާދަމާގެ ހެނދުނު އައްޑޫގެ އަންހެން ކަނބަލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އައިލެންޑް ފެސްޓިވަލްގެ ނަމުގައި ފެސްޓިވަލް އެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ހައިރައިޒްއިން ބުނިގޮތުގައި އެ ފެސްޓިވަލްގައި އައްޑޫގެ އުފެންދުންތެރިކަން ދައްކާލައި، އާޓް އެންޑް ކްރާފްޓްގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

ހެނދުނުގެ އައިލެންޑް ފެސްޓިވަލް އަށްފަހުގައި ދެންއޮތީ މާދަން ރޭ ބާއްވާ ސަޓާގެ ގާލާ އެންޑް އެވޯޑް ނައިޓެވެ. ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑު ހޯދުމަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިނަކުން ކުރަމުންދިޔަ އިންތިޒާރު ނިމުމަކަށް އަންނަ ރެއެވެ. ސަރަހައްދީ ފެންވަރުގައި 10 ސެގްމެންޓާއި 34 ކެޓަގަރީން އަކުން އެވޯޑުތަށް ދޭނެ ރެއެކެވެ.

ސަޓާގެ ގާލާ އެންޑް އެވޯޑަށްފަހުގައި 29 ވަނަދުވަހު އެވޯޑަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޒިޔާރަޔްކޯށްފައިވާ ފަރާތްތަކަށާއި ސަޓާގެ ބައިވެރިންނަށް އައްޑޫ ސިޓީގެ ރީތިކަމާ އައްޑޫ ސިޓީއާއި ބެހޭގޮތުން ތަފާތު މައުލޫމާތު ދީ އައްޑޫ ސިޓީ ދައްކާލުމުގެ ޓުއާއެއް ކުރިއަށްދާނެކަމަށް ހައިރައިޒްއިން ބުންޏެވެ. އަދި އޭގެ އިތުރުން ތިމާވެއްށި ހިމާޔަތް ކުރުމުގެ ގޮތުން ގަސް އިންތުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްވެސް ހައިރައިޒް އިން ބުންޏެވެ.

ސަޓާ އިވެންޓްގައި ބައިވެރިވުމަށްޓަކައި އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުން އަންނަ ފަރާތްތަކުން ރާއްޖެ އައިސްފައިވަނީ ސީދާ ގަން އިންޓަނޭޗަނަލް އެއާޕޯޓަށެވެ. ސަޓާ އިވެންޓަށް އަންނަ ފަރާތްތަކަށް މަރުހަބާކިއުމުގެ ގޮތުން އައްޑޫގެ އަންހެނުންގެ ހަރަކާތްތަކެއް ވަނީ ދައްކާލައިފައެވެ.

ސަޓާ އިވެންޓާ ދިމާކޮށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން އައްޑުއަށް ޒިޔާރަތްކޮށް އައްޑޫސިޓީގެ ރީތި ކަމާއި އައްޑޫސިޓީގެ ރައްޔިތުންގެ ހުނަރުވެރިކަން ފެނިގެން ދިއުމަކީ އައްޑޫސިޓީއަށް އޭގެ ސަބަބުން އެތަށް ފައިދާތަކެއް ކޮށް އައްޑޫ ސިޓީ އިޝްތިހާރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމެކެވެ. އަދި ސަޓާ އިވެންޓް ވެގެންދާނީ އައްޑޫ ސިޓީގެ ހޮޓާ ތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިޒަމްގެ ބޮޑު އީދަކަށެވެ.