އިބުރާހީމް ނާސިރު ސްކޮލަޝިޕްގެ ނަމުގައި އަހަރަކު ކުއްޖަކަށް ސްކޮލަޝިޕެއް ދިނުމަށް މޯލްޑިސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެކުންފުނިން މިއަދު ބުނީ ސްކޮލަޝިޕެއް ތައާރަފްކުރަން ނިންމީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އެއާޕޯޓްސް ކޮމްޕެނީން ބުނީ އެ ކުންފުނިން ކޮންމެ އަހަރަކު ދޭ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ފުރަތަމަ ޑިގްރީއާ ހަމައަށް ކަމަށާއި ކިޔަވަން ދާނެ ޔުނިވަސިޓީ ކަނޑައަޅާނީ ސްކޮލަޝިޕް ލިބޭ ފަރާތުން ކަމަށެވެ. އަދި މުޅި ކޯހުގެ ޓިއުޝަންފީ އެ ކުންފުނިން ދައްކައިދޭނެ ކަމަށާއި ހުރުމާއި ކެއުމާއި އެނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް ކޮންމެ މަހަކު ކަނޑައެޅޭ އަދަދެއްގެ ފައިސާ ދޭނެ ކަމަށް ވެސް އެއާޕޯޓްސް ކޮމްޕެނީން ބުންޏެވެ.

އެއާޕޯޓްސް ކޮމްޕެނީން ބުނީ އެ ކުންފުނީގެ ސްކޮލަޝިޕަށް އިބުރާހީމް ނާސިރުގެ ނަން ދިނީ ރައީސް އިބުރާހީމް ނާސިރަކީ ކުރީގެ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަދި މިހާރު އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ބާނީއަކީ އެމަނިކުފާނު ކަމަށް ވާތީ ކަމަށެވެ.

އިބްރާހީމް ނާސިރުގެ ނަމުގައި ތައާރަފު ކުރި ސްކޯލާޝިޕަށް ހޮވޭ ދަރިވަރު ކިޔަވަން ޖެހޭނެ ވަކި ދާއީރާއެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.