27 Oct 2017, 09:37
ރާއްޖޭގެ ޒުވާނުން ކޯޑިންއާ ގުޅޭ އެކިއެކި ހުނަރުތައް ތަރައްގީ ކުރުމަށް ހަތާ ކޯޑް ލެބްގެ ނަމުގައި އެކަޑަމީއެއް މަޖީދިއްޔާ ސްކޫލުގައި މިރޭ އިފްތިތާހްކޮށްފިއެވެ.
މަޖީދިއްޔާ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކޯޑް ލެބް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ކޯޑް އެކަޑަމީ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އުފާ ޕްރޮގްރާމުގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދު ވިދާޅުވީ ކޯޑްކުރުރުމުގެ ކޯސްތައް 15 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ހުޅުވައިލައިފައިވާ ކަމަށެވެ.
ސޯފިޔާ ވިދާޅުވީ ކޯޑް ކުރުމާ ގުޅޭ އެކިއެކި ކޯސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި ކޯޑިން ދަސްކޮށްދޭ ދުނިޔޭގެ މަޝްހޫރު ދެ އިންސްޓިއިޝަން ކަމަށްވާ ނެކްސްޓް އެކަޑަމީ އާއީ ޔުޑޭސިޓީއާ ޕާޓްނާޝިޕް ހެދުމަށް މިހާރު ވާހަކަ ދެކެވެމުންދާ ކަމަށެވެ.
ކޯޑްލެބް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެނީ--ސަން ފޮޓޯ: އަފުރާހު މުހައްމަދު
ކޯޑިން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ އެ ކޯސްތަކަށް ހަޔާ އެޑިއުކޭޝަންގެ ލޯން ސްކީމްގެ ދަށުން ކުދިންނަށް ލޯނު ހަމަޖެހިގެން ދާނެ ކަމަށް ވެސް ސޯފިޔާ ވިދާޅުވިއެވެ.
ސޯފިޔާ ވިދާޅުވީ އެއެކަޑަމީން ކުރިއަށް ގެންދާ ކޯސްތަކުން ޒުވާނުން ކޯޑިންއާ ގުޅޭ ވަޒީފާތަކަށް ނުކުންނަންވާއިރު އެކުދިންގެ ހުނަރު ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި އެ ކޯސްތަކަށް ކުރިމަތިލާ ކުދިންގެ ފެންވަރު ނެތްނަމަވެސް އެކުދިން އެކޯސްތަކުގައި ބައިވެރިވެވޭ ވަރަށް އެކުދިންނަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެެ.
ސޯފިޔާ ވިދާޅުވީ ކޯޑިންގެ ހުނަރު ރާއްޖޭގައި ތަރައްގީ ކުރުމަށް އަންނަ މަހު ހެކަތޯންއެއް ބާއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަންނަ އަހަރު ސްކޫލު ފެންވަރުގައި ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް ކޯޑިން ކްލަބެއް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސޯފިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހުޅުވައިލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޯސްތަކުގައި އުފާ ޕްރޮގްރާމްގެފޭސްބުކް ޕޭޖްމެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސޯފިޔާ ވިދާޅުވި އެވެ.