އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ށ. މިލަންދޫއިން ކްލަބު ގްރީން ސްޓްރީޓްސް ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ގްރީން އާއި މިލަންދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

އެ ނަތީޖާއާ ގުޅިގެން ގްރީނަށް ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ގްރީން އަށް ދިހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ފަސް ވަނައިގައި އޮތް ތިނަދުއަށް ދިހަ މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިލަންދޫ އޮތީ ކުޅުނު ދިހަ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގްރީނަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އިމްރާން ބަލަހައްޓަމުން ދިޔަ ގޯލުގެ ތެރެއަށް ގްރީނަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ގްރީނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް ތިން ޕޮއިންޓް ގެއްލިގެން ދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، މިލަންދޫގެ ފޯވަޑް އިޝާން އިބްރާހިމް (ސައްޓު) ޖެހި ލަނޑުންނެވެ.

ދެ ވަނަ ބުރުގައި މިހާތަނަށް ގްރީނުން ކުޅުނު ތިން މެޗުން ހޯދިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ގްރީން ވަނީ އއ. މާޅޮސް އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ ބުރުގައި ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިލަންދުއަށް ވެސް ދެ ވަނަ ބުރުގެ ފުރަތަމަ ދެ މެޗު ދިޔައީ ގޯސްކޮށެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 7-1 ލަނޑުން ބަލިވި އިރު، މާޅޮސް އަތުން ބަލިވީ 5-1 ލަނޑުންނެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު އާއި މާޅޮހެވެ.