ހދ. ކުޅުދުއްފުއްޓާއި ދ. ކުޑަހުވަދޫގެ އިތުރުން ފ. ނިލަންދޫއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގަތުމަށް ނިންމައިފި އެވެ.

ޕީޕީއެމުން ކުރިއަށް ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ ތަފްސީލް ދިނުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ޕީޕީއެމްގެ ނައިބް ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ އެ ޕާޓީގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމަށާއި އެ ހަރަކާތްތަކުގައި ރައީސް އަބްދުﷲ ޔަމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ ތަފްސީލްތައް އެކި ދުވަސްމަތިން ދެމުން ގެންދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަށްތަކަށް ރައީސް ވަޑައިގަންނަވާ ދުވަސްތައް

  • އަންނަ ހޯމަ ދުވަހު ކުޑަހުވަދޫއަށް
  • އަންނަ ބުދަ ދުވަހު ފ. ނިލަންދޫއަށް
  • އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށްޓަށް

އެގޮތުން ފެށޭ ހަފްތާގެ ހޯމަ ދުވަހު ކުޑަހުވަދޫއަށް ވަޑައިގަތުމަށް ނިންމާފައިވާއިރު ޖެހިގެން އަންނަ ދުވަހު ރައީސް ވަޑައިގަންނަވާނީ ނިލަންދޫއަށެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމެޖެހިފައެވެ. އެ ތިން ރަށުގައި ވެސް ރައީސް ވަޑައިގަންނަވާ ދުވަހު އެމަނިކުފާނުގެ ބައިވެރިވެވަޑައިގެންނަވާ ބޮޑު ޖަލްސާތައް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ނޮވެމްބަރު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި އޮންނާނެ އެއާޕޯޓް މަސަތްކަތް ރަސްމީކޮށް ރައީސް ފައްޓަވައި ދެއްވުމުގެ ހަފްލާ ވެސް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން 'އަސްތާ'ގެ ނަމުގައި ނޮވެމްބަރު ދެ ވަނަ ދުވަހު މާލޭގެ ކާނިވާ ސަރަހައްދުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނަވާ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ނޮވެމްބަރު 17ގައި އަދި އޮންނާނެ މި ހުރިހާ އިވެންޓްތަކަށް ވުރެ ހާއްސަ އިވެންޓެއް ޖަލްސާއެއްގެ ގޮތުގައި. އެއީ ރައްޔިތުންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ޖަލްސާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަވަނީ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބެއްލެވުމުގެ ދަށުން ކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ކަމެއް އެމަނިކުފާނަށް ނޭނގި ކުރިއަށް ނުގެންދާނެ ކަމަށެވެ.