އާރު ޕްރޮޑަކްޝަންސް ކުންފުނިން ރަޖިސްޓްރީ ކޮށްފައިވާ ޗެނަލެއް ކަމަށްވާ ރާއްޖެ ޕްލަސް ޗެނަލްގެ ލައިސަންސް ބާތިލުކުރީ ކަނޑައެޅި މުއްދަތުގައި ހިދުމަތް ފަށައިފައި ނުވާތީ ކަމަށް ބްރޮޑްކާސްޓް ކޮމިޝަނުން ބުނެފިއެވެ.

ބްރޮޑްކާސްޓް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބްރޯޑްކާސްޓް ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 12 މަސް ދުވަސް ތެރޭ ހިދުމަތް ފަށަން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނޫގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް އާރު ޕްރޮޑަކްޝަނުން ބްރޮޑްކާސްޓް ކުރުމުގެ ހިދުމަތް ފަށައިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އާރު ޕްރޮޑަކްޝަންސް އަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ލައިސަންސް ބާތިލު ކުރި މައްސަލައިގައި އާރު ޕްރޮޑަކްޝަންސް އިން ބުނީ “އައިޕީ ޓީވީ އަދި އޯޓީޓީ ޕްލެޓްފޯމް” މީޑިއަމް މެދުވެރިކޮށް، މިއަހަރުގެ ސެޕްޓެމްބަރު މހުގެ އަށް ވަނަ ދުވަހު ހިދުމަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެއަށް ރައްދު ދީ ބްރޯޑްކާސްޓް ކޮމިޝަނުން ބުނީ ލައިސަންސް ދޫކުރިއިރު އޭގައި "ސެޓަލައިޓް" މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމަށް ޝަރުުތުކޮށްފައި ވާނެ ކަމަށާއި ނަމަވެސް ރާއްޖެ ޕްލަސް އިން އެ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.