މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނެ ކަމަށާއި އިންތިހާބުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބައި އިލެކްޝަން ނުބާއްވާނެ ކަމަށާއި އެއީ އަޑުތަކެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ބައި އިލެކްޝަން އޮންނާނެ ކަން 100 ޕަސެންޓް ޔަގީން ކަމަށެވެ.

ނަމަވެސް އިންތިހާބު ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އިންތިހާބު ބާއްވާނެ، ބާއްވައިފިނަމަ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކުރާނީ ޕީޕީއެމުން،" އަދުރެ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ ސަރުކާރާއެކު ތަރައްގީއަށް މަސައްކަތް ކުރާނެ މެމްބަރުންތަކެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

ބައި އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމުން ގޮނޑި ހުސްވެފައިވާ ބައެއް ދާއިރާތަކަށް މީގެ ކުރިން ދަތުރުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އާ އެކު ޓީމެއް އެ ދާއިރާ ދަކުގެ ރަށް ރަށަށް ވޭތުވެ ދިޔަ ހަފްތާގައި ޒިޔާރަތް ކޮށްފައިވެ އެވެ.

މެޑަމް ފާތިމަތު އިބްރާހިމް ވެސް ވަނީ އެ ދާއިރާތަކަށް ދަތުރުތަކެއް ކުރައްވާފަ އެވެ.

އިންތިހާބު އޮންނާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އިންތިހާބު ބޭއްވުމަށް 26 މިލިއަން ރުފިޔާ ހިމަނާފައިވާ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.