26 Oct 2017, 17:12
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކާއިރު، ހިއްކަނީ އެރަށު ކުޅީގެ 30 ޕަސެންޓު ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު "ސަން"އަށް ވިދާޅުވީ ކުޅުދުއްފުށީގެ ކުޅި އެއްކޮށް ހިއްކާ ކަމަށް ވާހަކަތައް ދައްކަނީ ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާތީ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުންް ހިއްކަނީ ކުޅީގެ ބަޔަކާއި މޫދުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ހިއްކުމުގެ މަސައްކަތުގައި ބޮޑުބައެއް މި ހިއްކަނީ ކުޅިން. އެއީ ކުޅީގެ ވަރަށް ކުޑަ ޕަސެންޓެއް. ދެން މި ހިއްކަނީ މޫދުގެ ސަރަހައްދެއް،" ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 15 ދުވަސް ތެރޭ ބިން ހިއްކައި ނިންމާނެ ކަމަށެވެ. އެއަށްފަހު ކުރިއަށްދާނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމާއި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކަމަށާއި މުޅި ޕްރޮޖެކްޓްގެ މަސައްކަތް ހަ މަސް ތެރޭ ނިންމާލެވޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެ މަސައްކަތަށް ބޭނުންވާ ފްލެކްސިބަލް ހޮޅި ކުޅުދުއްފުއްޓަށް ގެންދެވިއްޖެ ކަމަށާއި ދަގަނޑު ހޮޅިލައިން މާދަމާ ރާއްޖެ އައުމުން އެ ރަށަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ކުރޫ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިއަދު ބަޔަކު ވަނީ އެންވާރަމެންޓް މިނިސްޓްރީ ކުރިމައްޗަށް އެއްވެ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.
ސަރުކާރުން ބުނެފައި ވަނީ އެ ރަށު އިރުމަތީ ފަރާތުގައި އެއާޕޯޓު އެޅިދާނެތޯ ބެލިއިރު، އެއާޕޯޓު އެޅުމަށް އެކަށީގެންވާ ޖާގަ އެ ސަރަހައްދުން ނުލިބޭ ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ކުޅުދުއްފުށީގައި އެއާޕޯޓު އަޅައި ނިމޭނެ ކަމަށެވެ.