އިނގިރޭސިވިލާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ގޮވާތަކެތި ދެނެގަނެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މެޝިންތައް އަންނަ ހަފްތާތެރޭގައި ވެލާނާ އިންޓަނޭޝަނަކް އެއާޕޯޓްގައި ބޭނުން ކުރަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑް ބިލްޑިންގް ގައި މިއަދު އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޓަރު(އީޓީޓޯ) މެޝިންތައް ޑިފެންސް މިނިސްޓަރަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އެ މެޝިންތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެއާޕޯޓްތަކުގެ ސަލާމަތާ ރައްކާތެރިކަން ހަރުދަނާ ކުރުމަށް، ފްލައިޓްތަކުގެ ރައްކާތެރިކަން ޔަގީންކުރުމާ އެކު ފަތުރުވެރިންނާ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.
ވައިގެ ބަނދަރު ބޭނުންކޮށްގެން އުދުވާނީ ހަމަލާދޭ ދުވަސްވަރުގައި މަދަނީ ވައިގެ ބަނދަރު ވަރުގަދަ ކުރުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ވަރަށް ބޮޑު އިސްކަމެއްދީގެން ބައްލަވަމުން އަންނަ ކަމެއް ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކަށް ހުޅުވާލައިގެން ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ގާއިމްކޮށްފައިވާ ގައުމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މި ގައުމުން ފުރާގެންދާ ކޮންމެ އުޅަނދަކީ ސަލާމަތާއި ރައްކާތެރިކަމާއެކީގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިގެން، ސްކްރިންކުރަންޖެހޭ ކަންތައްތައް ރަނގަޅަށް ސްކްރީން ކުރެވިގެން އެ ގާބިލްކަން އަޅުގަނޑުމެންގެ ގައިގައި ހުރެގެން ދަތުރުކުރާ އުޅަނދެއް ކަމުގައި ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވިގެން ދިޔަ ރަސްމިއްޔާތުގައި ވަނީ އޭވީއޭޝަން ސުޕަވައިޒަރު ކޯސް ފުރިހަމަ ކުރި 20 ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.