ދަރިއަކު ލިބެންއުޅެކަމުގެ ޚަބަރަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. ދެމީހުންގެ ލޯބީގެ މޭވާ ދުނިޔެއަށް އަންނަން އުޅޭކަމުގެ ޚަބަރާއެކު ދަރިފުޅަށް މަރުހަބަ ކިޔުމަށް ދެ ފަރާތުގެ އާއިލާ ވެސް އަވަސްވެގަނެ އެވެ.

އަނބިމީހާ ބަލިވެ އިނީއްސުރެ އެންމެ ބޭނުން ވާނީ ފިރިމީހާގެ އަޅާލުމާ އޯގާތެރިކަމެވެ. އަބަދުވެސް އެކުގައި ވުމަށެވެ. ކައިރީ ހުރުމަށެވެ. މިއީ ދިރިއުޅުމުގައި ފަށާ އާ ދަތުރަކަށް ވާއިރު ފުރަތަމަ ޓްރައިމިސްޓާއަކީ އަންހެން މީހާ އަށް އުނދަގޫ ދުވަސްތަކަކަށް ވާނެއެވެ. ބަލިވެ އިނުމާއެކު ހޯމޯންސް އަށް އަންނަ ބަދަލާގުޅިގެން ކުރިމަތިވާ "މޯނިން ސިކްނެސް" އަދި މީހާގެ ތަބީއަތަށް އަންނަ ކުއްލި ބަދަލު (އަން އެކްސްޕެކްޓެޑް މޫޑް ސްވިންގްސް) ތަކަށް ވެސް ކެތްތެރިވެ އެކަންތައް ބަލައިގަތުމަކީ ފިރިމީހާ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ދެ ވަނަ ޓްރައިމިސްޓާ އަށް އަޅާއިރު މިކަންތައް ހަމައަކަށް އެޅެއެވެ. އަންހެންމީހާވެސް، މާބަނޑުވުމާ ގުޅިގެން ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ބަދަލުތަކަށް ހޭނެއެވެ. މި ދުވަސްވަރަކީ މާބަނޑު ދުވަސްވަރު އަންހެން މީހާއަށް އަންނަ އެންމެ އުފާވެރި ދުވަސްވަރެވެ. މިއީ ފިރިމީހާވެސް، އަނބިމީހާއަށް އެއްބާރުލުންދީ ލިބެން އުޅޭ ދަރިފުޅަށްޓަކާ އެދަރިފުޅުގެ މަންމަ އަށް ސަޕޯޓްދީ "ޕްރެގްނެންސީ" ގައި ބައިވެރިވާންވީ ވަގުތެވެ.

އަނބިމީހާ މާބަނޑު ދުވަސްވަރު ފިރިމީހާއަށް ކޮށްދެވިދާނެ ކަންތައް:

  • މި ދުވަސްވަރަކީ އަނބިމީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާ ދުވަސްވަރެކެވެ. ހަށިގަނޑު ފަލަވެ، މީހާގެ ސިފައަށް ބަދަލު އަންނާނެއެވެ. މި ބަދަލުތަކާ ގުޅިގެން އަނބިމީހާ ކުރާ ޝަކުވާތައް އަޑުއަހާ އޭނާ އަށް ހިތްވަރުދޭށެވެ.

  • ނަފްސާނީގޮތުން އަނބިމީހާ އަށް އަންނަ ބަދަލުތަކާއެކު އެކަންތައް ބަލައިގަންނާށެވެ. އަނބިމީހާގެ މޫޑަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން އޭނާ ދެކެ ރުޅި ނާންނާށެވެ. އޭގެ ބަދަލުގައި މާބަނޑު ދުވަސްވަރު އަނބިމީހާ ބޭނުންވާ ކަންތައް ބަލައި، އެކަންތައް ކޮށްދޭށެވެ. އަނބިމީހާ ކާހިތްވާ ކ/ައެއްޗެހި ހޯދައިދީ ހަދާށެވެ. އަދި މި ދުވަސްވަރު އަނބިމީހާ އަށް އެންމެ ފައިދާ ހުރިކަންތައް ދިރާސާކޮށް އެގޮތަށް އަމަލު ކުރާށެވެ. ޑޮކްޓަރަށް ދައްކަންދާ ދުވަހަކީ އެންމެ ހާއްސަ އެއް ދުވަހެވެ. މި ދުވަސް ދެމީހުން އެކުގައި ޑޮކްޓަރަށް ދެއްކުމަށް ދާން ހުސްކުރާށެވެ.
  • ގޭތެރޭގެ މަސައްކަތްތަކުގައި އަނބިމީހާ އަށް އެހީވެދޭށެވެ. މާބަނޑު ދުވަސްވަރަކީ ބައެއްކަހަލަ މަސައްކަތްތައް ކުރުން އުނދަގޫ ދުވަސްވަރެކެވެ. ދެމަފިރިން ވާހަކަ ދައްކައިގެން މި ކަންތައް ހަމަޖައްސާލާށެވެ. ހަނދާން ބަހައްޓަންވީ މިއީ އަނބިމީހާއަށް ފިރިމީހާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނެ ދުވަސްވަރުކަމެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުހަބަ ކިޔުމަށް ތައްޔާރީތައް ވާއިރު ދެމީހުން އެކުގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާށެވެ.