ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބަލާ ބެންޗް ބަދަލުކުރި ކުރުމުގެ ސައްހަކަމާ މެދު ގޮތެއް ނިންމަންޖެހޭނީ ހައިކޯޓުން ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން އަމުރުކުރި މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް، އެ މައްސަލަބަލާ ބެންޗު ވަނީ ބަދަލުކޮށްފަ އެެވެ. އެކަމަކީ ގާނޫނާ ޚިލާފު ކަމެއް ބުނެ ފާރިސްގެ ފަރާތުން ވަނީ، ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އެ ޝަކުވާ ބަލައިދިނުމަށް އެދި މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު ފޮނުވި ޖަވާބުގައި ބުނެފައި ވަނީ، ހައިކޯޓުގެ ޝަރީއަތުގައި ފާރިސްގެ ފަރާތުން އެ ނުކުތާ ހުށަހަޅަައިފިނަމަ، އެ އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލާގައި ހައި ކޯޓުން ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.

އެކަން ހައި ކޯޓަށް އަންގާފައިވާ ކަމަށް ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ރިޔާސަތުގައި އިންނަވައިގެންނެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް، ބެންޗު ބަދަލުކޮށް ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުޖާއު އުސްމާނެވެ.