26 Oct 2017, 18:04
ޖަކާޓާ (އޮކްޓޯބަރު 26): އިންޑޮނޭޝިއާގެ ބަޑިބޭސް ފެކްޓަރީއެއްގައި ރޯވުމުގެ ސަބަބުން 23 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ޖަކާޓާގެ ފުލުހުންގެ ޑިރެކްޓާ އޮފް ޖެނެރަލް ކްރައިމް، ނިކޯ އަފިންޓާ ވިދާޅުވި ގޮތުގައި އެފެކްޓަރީގައި މަސައްކަތް ކުރާ މީހުންގެ އަދަދަކީ 103ކެވެ. އަދި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 23ށް އަރާ އިރު އަނިޔާވި މީހުންގެ އަދަދު 43ކަށް އަރަ އެވެ.
މިއަދު ހެނދުނު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު އެހާދިސާގައި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެމަސައްކަތުގައި ހަރަކާތްތެރިވި ފަޔާފައިޓަރަކާ ހަވާލާދީ އިންޑޮނޭޝިއާގެ މެޓްރޯ ޓީވީން ބުނާ ގޮތުގައި އެހާދިސާގައި މަރުވި މީހުން ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފަ އެވެ.
އިންޑޮނޭޝިއާގެ ސަރުކާރު އޮފިޝަލުން ބުނާ ގޮތުގައި އެއީ މީގެ ހަ ހަފްތާ ކުރިން ހުޅުވި ފެކްޓަރީއެކެވެ. ނަމަވެސް މިހާރު އެފެކްޓަރީގެ ބައެއް ބައިތައް އެއްކޮށް ބިމާ ހަމަވެފައިވާ އިރު، މަންޒަރު ދުށް ފަރާތްތަކުން ވަނީ ފެކްޓަރީ ތެރެއިން ބާރުގަދަ ދެ ގޮވުމުގެ އަޑު އިވުނު ކަމަށް ބުނެފަ އެވެ. (ބީބީސީ)