މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ފުރުސަތު ދިނީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކެއް ހުއްޓިދާނެތީ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުން ގުޅިގެން ޖުމްހޫރީ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ މިއަދު ބާއްވާފައިވަނީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ވެސް ގަވާއިދާ ޚިލާފަށް ކަމަށެވެ.

އިބޫ ވިދާޅުވީ މިއަދު މަޖިލީހުގައި ބަޖެޓަށް ވޯޓު ދެއްވާފައިވަނީ ޕީޕީއެމަށް އެންމެ ގިނަވެގެން މަޖިލީހުން ލިބޭނެ އަދަދަށް ކަމަށާއި 85 މެންބަރުންގެ ތެރެއިން 40 މެންބަރުން އެއީ ސަރުކާރު ފަޅީގައި ތިބި މެންބަރުން ކަމަށެވެ. އަދި އަނެއް 45 މެންބަރުން ތިބީ ސަރުކާރާ ދެކޮޅަށް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ސަރުކާރަށް މަޖިލީހުގައި އޮތް ސާފު މެޖޯރިޓީ ނެތް ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ މިހާރު މަޖިލީހުގައި މެޖޯރިޓީ އޮތީ އިދިކޮޅު ޕާޓީތަކަށް ކަމަށާއި ނަމަވެސް ބަޖެޓް ފާސްކުރުމަށް ފުރުސަތު ދިނީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ޚިދުމަތްތަކެއް ހުއްޓިދާނެތީ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވި ރައްޔިތުންގެ ސިއްހަތައް މިކުރާ ހޭދަ އާއި ސްކޫލްތަކަށް މިއޮތް 46 ބިލިއަން ރުފިޔާއަކަށް އިދިކޮޅު ހަދާކަށް. އެހެންވީމަ އެ ފުރުސަތު ދޭން އަޅުގަނޑުމެން ބޭނުންވީ،" އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިވަގުތު ރައްޔިތުންނަށް އެންމެ ފައިދާ ހުރީ އާސަންދަ ހުއްޓުމެއްނެތި ކުރިއަށް ދިއުން ކަމަށް ގަބޫލު ކުރެވޭތީ އެ ވޯޓުގައި ބައިވެރި ނުވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ދުވަހުން ފެށިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ މަޖިލީހުގައި އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން މަސީހުގެ ރިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ އެއްވެސް ބަހުސްއެއްގައި ވެސް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި އިދިކޮޅު މެންބަރުން އަންނަނީ ބައިވެރިވަމުންނެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އިދިކޮޅު މެންބަރުން ގުޅިގެން މަސަތްކަތް ކުރުމަށް އެބަހުރި ވަރަށް ބޮޑެތި ޗެލެންޖަސް ތަކެއް. އެ ކަންތައްތަކަކީ ސަރުކާރުން ކުރިމަތިކުރުވާ ކަންތައްތަކެއް. އަޅުގަނޑުމެން އެކުގައި ތިބިގެން މަސަތްކަތް ކުރުމަށް ފުރުސަތެއް ނުދޭ،" ކިބިދޫ ދާއިރާގެ ޖޭޕީ މެންބަރު އަބްދު ރިޔާޒު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ހަ ގޮޑި އާއި ބަންދުގައި ހުރި ދެ މެންބަރުންގެ ގޮޑި އަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތަކެއް ތަމްސީލް ކުރައްވަމުން ގެންދަަވާ ގޮނޑިތަކެއް ކަން ފަހަގަކުރައްވައި ރިޔާޒު ވިދާޅުވީ އެ މެންބަރުން މަޖިލީހަށް ހާޒިރު ނުވެވޭ ގޮތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި އެކަން ކަމަކީ ކޮންމެ ވެސް ދުވަހަކުން ބަލައި ފިޔަވަޅު އެޅޭނެ ކަންތައްތަކެއް ކަމަށެވެ.