ސައޮޕައުލޯ (އޮކްޓޯބަރު 26): ބްރެޒިލްގެ ރައީސް މިޝޭލް ޓެމާ މަގާމުން ސަސްޕެންޑްކޮށް، އޭނާގެ ކޮރަޕްޝަނުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ފޮނުވަން ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއް ނާކާމިޔާބުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ނެގި ވޯޓުގައި ޓެމާ ސަސްޕެންޑު ކުރުމަށް 172 މެމްބަރުން ވޯޓު ދިން އިރު، 251 މެމްބަރުން ވޯޓު ދިނީ އެއާ ދެކޮޅަށެވެ. ޓެމާ ރައީސްކަމުން ދުރު ކުރެވޭނީ މަޖިލީހުގެ 342 މެމްބަރުންގެ ވޯޓުންނެވެ.

އެ މައްސަލަ ދެން ތަހުގީގު ކުރެވޭނީ އަންނަ އަހަރުގެ ފަހުކޮޅު ޓެމާގެ ދައުރު ހަމަވުމުން، އޭނާ ވެރިކަމުން ފައިބައިވަޑައިގަތުމުންނެވެ. ޓެމާ މަގާމުން ދުރުކުރުމަށް މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ޓެމާ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވުމާ ބެހޭ ގޮތުން މިއަހަރުގެ ކުރީކޮޅު ވޯޓެއް ނަގާފައިވެ އެވެ. ނަމަވެސް އެވޯޓު ވެސް ނާކާމިޔާބުވި އެވެ.

ޓެމާ ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ރައީސް ޓެމާ ވެރިކަމާ ހަވާލުވީ ކުރީގެ ރައީސާ ޑިލްމާ ރޫސެފް ދައުލަތުގެ ބަޖެޓަށް މަކަރުހެދި ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުންނެވެ. (އަލްޖަޒީރާ)