ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

މިއީ ނަވާޒަ ޝަރީފްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ޝަރީއަތަށް ކޯޓަށް ވަޑައިގެންފައި ނުވާތީ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރެކެވެ.

ނަވާޒް ޝަރީފް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާއިރު އޭނާ މިވަގުތު ހުންނެވީ އަނބިކަނބަލުންގެ ބޭސްފަރުވާއަކަށް އެކަމަނާ އާއެކު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ޕެނަމާ ޕޭޕާސްގެ މައްސަލާގައި ނަވާޒް ޝަރީފްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތު ތަކަށް ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވާނެ ކަމަށް ވިދާޅުވުމަށްފަހު، ނަވާޒް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެ މައްސަލަ ތަކުގެ އަޑުއެހުމެއް އަންނަ މަހުގެ ތިނަކަށް ވަނީ ތާވަލްކޮށްފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކެއް ނަވާޒް ޝަރީފްގެ މައްޗަށް ކޮށް، މަގާމުގައި ހުރުމަށް ޝަރުތު ހަމަނުވާތީ އޭނާ މަގަމުން ދުރުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުއެވެ.