މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން މެޓާނިޓީ ޕޮލިސީއެއް ތައާރަފްކޮށް އެ ޕޮލިސީއަށް އަމަލު ކުރަން ފަށައިފިއެވެ.

އެކުންފުނިން ބުނީ މެޓާނިޓީ ޕޮލިސީ އަކީ މިއަހަރުގެ ސެޕްޓެންބަރު މަހު ތައާރަފްކުރި ޕޮލިސީއެއް ކަމަށާ ޕޮލިސީއަށް އަމަލުކުރަން ފެށީ މި މަހު ކަމަށެވެ.

މެޓާނިޓީ ޕޮލިސީގެ މައިގަނޑު މަޤްސަދަކީ، މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް މަސައްކަތުގެ މާހައުލުގައި ދިމަވާ ދަތިތަކަށް ލުޔެއް
ލިބޭނެ އުޞޫލުތަކެއް މަގުފަހިކޮށްދީ، މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް ލުއިފަސޭހަ މަސައްކަތުގެ މާޙައުލެއް ޤާއިމްކުރުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

މިޕޮލިސީގެ ތެރެއިން، ކުންފުނީގެ އަންހެން މުވައްޒަފުންނަށް ދެކަމެއް މަގުފަހިވެގެން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު، ތަފާތު އުނދަގޫތަކާއި ކުރިމަތިލާ މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން މުސާރަ ލިބޭގޮތަށް، ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕޮލިސީގެ ދަށުން ލިބޭނެ ކަމަށާ، ޅަދަރި މައިންނަށް، ދަރިފުޅަށް އެއް އަހަރު ދުވަސް ވަންދެން، މަސައްކަތުގެ ގަޑިއަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީ، މުސާރަ ލިބޭގޮތަށް ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕޮލިސީގެ ދަށުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފަދަ ޕޮލިސީތަކަކީ، މަސައްކަތުގެ މާޙައުލުގައި އަންހެން އަދި ފިރިހެން މުވައްޒަފުންގެ މެދުގައިވާ ފަރަޤު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާ ކުންފުނީގެއަމާޒަކީ، ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލުއިފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހަޢުލެއް ޤާއިމް ކޮށްދިނުން ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މެޓާނިޓީ ޕޮލިސީގެ ބޭނުންހިފާ ފަސް މުވައްޒަފުން ވިވަގުތު ކުންފުނީގައި މަސައްކަތް ކުރަމުންދާކަމަށެވެ.