ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުންތައް މެދުކަނޑާލުމަށް ފާރިސްގެ ވަކީލުން އެދިލެއްވުމުން އެކަމަށް ދައުލަތުން ދެކޮޅު ހައްދަވައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައިވެސް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ތިން ކަމެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ތިން ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ، އެ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ނިންމަވަންދެން ޝަރީއަތް މެދުކަނޑާލުމަށް ފާރިސްގެ ފަރާތުން ވަނީ އެދިލައްވާފަ އެވެެ.

ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާއި، ފާރިސްގެ މައްޗަށް އުފުލާފައިވަނީ، ސައްހަ ދައުވާއެއްކަމަށް ނިންމި ނިންމުމުގެ އިތުރުން އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމި ނިންމުމެވެ.

ޝަރީއަތް މެދުކަނޑާލުމަށް ފާރިސްގެ ފަރާތުން އެދިލެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އަޑުއެހުންތައް ފަސްކޮށްފި ނަމަ ދައުލަތުން ހުށަހަޅާފައިވާ ހެކީން ހާޒިރު ކުރުމަށް ދަތިވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅިގެންދާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެހެން ކަމުން ޝަރީއަތް މެދުކަނޑާލުމާ މެދު އިއުތިރާޒު ކުރައްވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ފާރިސްގެ ފަރާތުން ހުށަހެޅީ، ހެކިހާމަ ކުރުމުގެ އަމުރެއް ޕްރޮސިކިއުޓާ ޖެނެރަލްއަށާއި، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކޯޓު އަމުރެއް ނެރެދެއްވުމަށެވެ.

އެގޮތުން ފާރިސްގެ ފަރާތުންވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ މައްސަލައާ ގުޅޭ އެންމެހައި މައުލޫމާތު ހާމަ ކުރުމަށް އެދިފައެވެ.

އެކަމަށް ޖަވާބުދާރީ ވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މައްސަލައާ ގުޅިގެން ދޫކުރެވެން ހުރި ހުރިހާ ލިޔުމެއް ކޯޓު މެދުވެރިކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެން ހުރި ލިޔުންތަކަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއްޗެއް ނޫން ކަމަށާއި، އެހެން ކަމުން އެތަކެތި ނުދެވޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދު ހުށަހެޅި ތިން ކަންތަކުގެ ތެރެއިން ދެން ހުށަހަޅާފައިވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމަށެވެ. އެކަމަށްވެސް ދައުލަތުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ބަންދުގައި ތިބޭ މީހުންގެ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފަށަން ލާޒިމްކުރާ ކަމަށެވެ. އެހެން ކަމުން ޝަރީއަތް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ފަށަންޖެހޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ޝަރީއަތުގެ އަޑުއެހުންތައް ފަށަންޖެހޭ މުއްދަތު ގުނާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ހިނގާ ވަގުތު ނުގުނޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ޝަރީއަތް ނުފެށުމަކީ ގާނޫނާ ޚިލާފުކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހެޅުމަށް 22 ކަމެއް ފާރިސްގެ ފަރާތުން ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން މިއަދު ތިން ކަމެއް ހުށަހަޅާފައިވާއިރު، މިދިޔަ އަންގާރަ ދުވަހުގެ އަޑުއެހުމުގައި ހަ ކަމެއް ހުށަހަޅާފައިވެ އެވެ.

ބާކީ ހުރި ހުށަހެޅުންތަކާ މެދު ދެފާރާތުން ވާހަކަ ދެއްކުމަށް އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަޑުއެހުމެއް އޮންނާނެ ކަަމަށް މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވި އެވެ.