ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާ ދެއްކުމަކީ ގާނޫނާއި ގަވައިދުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ފަރާތްތަކަށް ދޫދިނުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ދައުލަތަށް ލިބެން ޖެހޭ އާމްދަނީ އަކީ ވަކިފަރުދެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ހައްގެއް ނޫން ކަމަށާއި އެއީ އެންމެހާ ދިވެހި ރައްޔިތުންގެ ހައްގެއްކަމަށް އަދާލަތު ޕާޓީން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ، ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވެ، ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ގަވާއިދުން ލިބެމުން ނުދާ ނަމަ އެކަމުގެ ގެއްލުން މުޅި ގައުމުގެ އިގުތިސާދަށް ކުރާނެ ކަމަށް އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާމުގައިވެ އެވެ.

އަދާލަތުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައި ވަނީ ރިޒޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ 25 ޕަސެންޓް އެ މަހުގެ 20ގެ ކުރިން ނުދައްކާ ފަރާތްތަކުގެ ހުއްދަ ބާތިލް ކުރުމަށެވެ. ނަމަވެސް އެކަން ތަންފީޒު ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޖުލައި 20 ވަނަ ދުވަހު ނިންމާފައި ކަމަށާއި އެ ނިންމުމަކީ ނޭދެވޭ ގިނަގުނަ ނަތީޖާތަކެއް ނުކުންނާނެ ނިންމުމެއް ކަމުގައި ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އަދާލަތުގެ ބަޔާނުގައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ އިން އެ މައްސަލައިގައި ކަންކޮށްފައިވާ ގޮތުން ވަޒީރުންގެ މަޖްލީހުގެ ނިންމުންތަކާއި އަދި ސަރުކާރުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދާލަތުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން އެކަމުގައި އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި އެ ޕާޓީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކުލި ނުދައްކައި ހުރި ރިޒޯޓްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ މަސްލަހަތު ހިމެނޭ ތިން ރިސޯޓަކާއި އެމްޑީޕީގެ ޗެއާމަން ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެއްގެ ތިން ރިޒޯޓް ހިމެނޭ ކަމުގެ މައުލޫމާތުލިބިފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފައިވެ އެވެ.