އައްޑޫ ސިޓީގެ ހުޅުދޫގެ ގެެެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ މިއަދު ހެނދުނު އެރަށު ވައިޖެހޭ ގޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ.

އެ ހާދިސާގައި އެގޭގެ ފާޚާނާއާއި ކޮޓަރިގައިވާ ގިނަ ތަކެއްޗެއް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ އެރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން މިއަދު ހެނދުނު 10:00 ގައި އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކަށް އަލިފާނުގެ އަސަރުކޮށްގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށްވެސް ޝުކުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓާއި ސިޓީ ކައުންސިލާއި އަދި ސަރުކާރުގެ ވުޒާރާތައް ގުޅިގެން އެ ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމަށެވެ.