ދަރިވަރުންގެ ހާޒިރީ އާއި ދަރިވަރުންގެ ފެންވަރު ބެލުމަށް "މީމިސް"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިން މޯބައިލް އެޕްލިކޭޝަނެއް މިއަދު އިފްތިތާހް ކޮށްފި އެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އެ ސިސްޓަމް މެދުވެރިކޮށް ސްކޫލުތަކާއި ދަރިވަރުންގެ މައުލޫމާތު ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށެވެ.

މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ ސްކޫލުތަކަށް މީމިސްގެ ހިދުމަތް ލިބިގެންދާ އިރު މީމިސްގެ ޒަރިއްޔާ އިން ރާއްޖޭގެ އުތުރުން ދެކުނުގެ ކޮންމެ ސްކޫލެއްގައި ވެސް ކޮންމެ ދުވަހެއްގެ 10 ޖަހަން ވާއިރަށް ސްކޫލަށް ހާޒިރު ނުވާ ކުދިން ދެނެގަނެވި ހާޒިރު ނުވާ ކުދިންނާ ދޭތެރޭ ހާއްސަ ސަމާލު ކަމެއް ދެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މައުލޫމާތަކީ ނުވަތަ މިކުދިންގެ މައުލޫމާތަކީ ވަރަށް ސިއްރު މައުލޫމާތުތަކެއް. އާންމު މައުލޫމާތުތަކަކަށް މި މައުލޫމާތުތަކެއް ނުވާނެ. ކޮންމެ ދަރިވަރެއްގެ ވެސް ނަތީޖާ މިހާރުވެސް ގޫގުލް ޝީޓްގައި ހުންނާނެ. މިކަމުގެ ސަބަބުން ސްކޫލުތަކަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ. އުންމީދަކީ ސީއެސްއެފް އާއި ގުޅިގެން އާޓިފިޝަލް އިންޓަލިޖެންސް ލެވިގެން ބޭނުންވާ ޑޭޝްބޯޑް ސްޓައިލްގަ ޕްރެޑިކްޝަންސް ހެދިގެން ދިއުން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އިފްތިތާހް ވެގެންދިޔަ އެ މޯބައިލް އެޕުން ކޮންމެ ޓީޗަރަކަށް ވެސް ކުލާހުގައި ހުރެ ފޯނުން ހާޒިރީ ބެލޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ އެޕްލިކޭޝަނެއް ބެލެނިވެރިންނަށް ވެސް ތައާރަފް ކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.