ބޭންކޮކް(އޮކްޓޯބަރު 26): ތައިލޭންޑުގެ ރަސްގެފާނު ބޫމިޕޮން އަދުންޔަދޭ އަވަހާރަވިތާ އެއް އަހަރު ފަހުން އޭނާގެ ޖަނާޒާ ފަށައިފި އެވެ. ފަސް ދުވަހަށް ދެމިގެންދާ އެޖަނާޒާއަށް 90 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަވަހާރަވި ރަސްގެފާނު ބޫމިޕޮންގެ ހަށިކޮޅު އޮތީ އެއް އަހަރު ވަންދެން ރަސްގެފާނުގެ ގަނޑުވަރުގައެވެ. އަދި ރަސްގެފާނުގެ ހަށިކޮޅު އެންދުމަށްޓަކައި އެގައުމުން ވަނީ ފާއިތުވި 10 މަސް ތެރޭގައި ހާއްސަ ޕެވީލިއަންއެއް ބިނާކޮށްފައެވެ.

ެރަސްގެފާނު ބޫމިޕޮންގެ ހަށިކޮޅު އަންދާނީ އޭނާގެ ދަރިކަލުން، މަހާ ވަޖިރަލޮންކޯން އެވެ. އަދި އެޖަނާޒާއަށް ފަހު ވަޖިރަލޮންކޯން ރަސްމީކޮށް ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތު ބާއްވާނެ އެވެ.

އެޖަނާޒާ ބެލުމަށްޓަކައި ތައިލޭންޑުގެ އެކި ސަރަހައްދުތަކުން ރަސްގެފާނުގެ ގަނޑުވަރު ކައިރިއަށް 250،000ށް ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުންޏެވެ. އަދި ރަސްގެފާނުގެ ހަށިކޮޅު ގެންދާ މަގުތަކުގެ ގިނަ އިމާރާތްތައް ވަނީ ރީނދޫ ކުލައިން ޖަރީކޮށްފައެވެ.

އުމުރުން 88 އަހަރުގައި ރަސްގެފާނު ބޫމިޕޮން އަވަހާރަވީ ތައިލޭންޑުގައި ރަސްކަން ކުރައްވާތާ 70 އަހަރު ފަހުންނެވެ. އެއީ ފަހުގެ ތާރީހުގައި ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން ރަސްކަން ކުރެއްވި ރަސްގެގާނެވެ. (އެންވައިޓައިމްސް)