އައްޑޫ ލިންކް ރޯޑުގައި ދެ ސައިކަލެއް ޖެހި ހިނގި، އެކްސިޑެންޓެއްގައި ކުޑަ އަންހެން ކުއްޖެއްގެ ބޯ ފަޅައިގެން ގޮސް އިތުރު މީހަކަށް އެކިވަރުގެ ކުދި ޒަހަމްތައް ލިބިއްޖެ އެވެ. ނުރައްކާތެރި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަރަދޫ ފޭދޫ ލިންކް ރޯޑްގައި ހުންނަ ދިވެހި ބޭންކުގެ އިމާރާތް ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓް ވީއިރު އެއް ސައިކަލްގައި ދެ އަންހެނުން ތިބި ކަމަށެވެ. ދެވަނަ ސައިކަލް ދުއްވީ ފިރިހެނެއް ކަމަށެވެ.

ބޯފަޅައިގެން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ އިނީ ސައިކަލްގެ ފަހަތުގަ އެވެ.

ހިތަދޫން ގަމަށް ދިޔަ ދެ ސައިކަލް ޖެހުނީ އޭގެ ތެރެއިން އެއް ސައިކަލް އޯވާޓޭކްކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެކްސިޑެންޓްގައި އަންހެން ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހިތަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަ އަންހެން ކުޖާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު 39 އަހަރުގެ ފިރިހެން މީހާގެ ބޮޑު ޒަހަމްތަކެއް ނޫޅޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.